މީގެ ކުރީގެ އަހަރުތައް ފަދައިން މިފެށުނު އާ އަހަަރަކީ ވެސް ބޮލީވުޑްގެ ސިނަމާތަކަށް ވަރަށް ބާރުބޮޑު އަހަރަކަށް ވާނެ ކަމަށް ބެލެވެ އެވެ. 2018 ވަނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލުމުތައް އެހާވެސް ގިނަ އެވެ.
އަހަރުގެ އެންމެ ފުރަތަމަ ފިލުމަކަށް ސްކްރީންތަކާ ހަމައަށް އަންނާނީ ސައިފް އަލީ ހާންގެ 'ކާލަކާނޑި' އެވެ. މި ފިލުމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ކަމަށްވާ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ވެސް ބޮލީވުޑްގެ އިތުރު ދެ ފިލްމެއް ރިލީޒްކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ އަކްޝޭ ކުމާރްގެ 'ޕެޑްމޭން' އާއި ސިދްހާތް މަލްހޮޓްރާ އާއި މަނުޖް ބަޖްޕާއީގެ 'އައިޔާރީ' އެވެ.
ބޮލީވުޑްގެ ފިލްމު ތަކުގެ ފެބްރުއަރީ މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލުމުތަކުގެ ތެރޭގައި އަނުޝްކާ ޝަރްމާގެ 'ޕަރީ' އާއި، ރާނީ މުކަރްޖީގެ 'ހިޗްކީ' ފާހަގަކޮށްލެވެ އެވެ. 'ޕަރީ' ރިލީޒް ކުރާނީ 9 ފެބުރުއަރީ ގައެވެ. ފިލުމީ ދާއިރާއާއި ދުރުގައި ހުރުމަށްފަހު ރާނީގެ އެނބުރި އައުން ފެނިގެންދާ 'ހިޗްކީ' ރިލީޒް ކުރާނީ 23 ފެބުރުއަރީ ގައެވެ.
މާޗް މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މާ ގިނަ ފިލުމުތަކެއް އަދި ނެތެވެ. އެހެންނަމަވެސް 30 މާޗްގައި ރަންބީރު ކަޕޫރުގެ ފިލުމެއް ރިލީޒް ކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އޭފްރީލް މަހަށް ތާވަލު ކުރެވިފައިވާ ފިލްމުތަކަކީ ވަރުން ދާވަންގެ 'އޮކްޓޯބަރ' އަދި ކަންގަނާ ރަނާވަތްގެ 'މަނިކަރްނިކާ' އެވެ. 'އޮކްޓޯބަރ' ރިލީޒް ކުރަނީ 13 އޭޕްރީލްގަ އެވެ. 'މަނިކަރްނިކާ' ރިލީޒް ކުރާނީ 27 އޭޕްރީލްގަ އެވެ. ހަމަ އެދުވަހު އިތުރު ދެ ފިލުމެއްވެސް ރިލީޒް ކުރާނެ ކަމަށް ބެލެވެ އެވެ.
މެއި މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދެ ފިލްމެއް ވެސް އެބައޮތެވެ. އެއީ އާލިއާ ބަޓް އާއި ވިކީ ކައުޝަލްގެ 'ރާޒީ' އާއި، ކަރީނާ ކަޕޫރު އަދި ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ 'ވީރެ ދި ވެޑިން' އެވެ. 'ރާޒީ' ރިލީޒް ކުރާނީ 11 މެއި ގައެވެ. 'ވީރެ ދި ވެޑިން' ރިލީޒް ކުރާނީ 18 މެއި ގައެވެ.
މިއަހަރުގެ ޖޫން މަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ފިލުމުތަކަކީ 'ރޭސް 3' އާއި 'ފަނޭ ހާން' އެވެ. ސަލްމާން ހާން އެކްޓް ކޮށްދީފައިވާ 'ރޭސް 3' އަދި އަނިލް ކަޕޫރާ އައިޝްވާރީ ރާއީ އެކުގައި ފެނިގެންދާ 'ފަނޭ ހާން' ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 15 ޖޫން ގައެވެ.
ޖުލައި މަހަކީ ބޮލީވުޑްގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމު 'ދަޑަކް' ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މަހެވެ. މި ފިލްމު ރިލީޒް ކުރާނީ 6 ޖުލައި ގައެވެ.
އަރްޖުން ކަޕޫރާއި ޕަރިނީތި ޗޯޕްރާގެ 'ސަންދީޕް އޯރް ޕިންކީ ފަރާރް' ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 3 އޮގަސްޓް ގައެވެ. މީގެ އިތުރު އޮގްސްޓް މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އިތުރު ފިލްމަކީ 10 އޮގަސްޓްގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސްރަދާ ކަޕޫރުގެ 'ސާހޯ' އެވެ. ޝާހިދު ކަޕޫރުގެ 'ބައްތީ ގޮލް މީޓަރު ޗަލޫ' އާއި، އަކްޝޭ ކުމާރުގެ 'ގޯލްޑް' ފިލްމުވެސް ރިލީޒް ކުރަން ހަމަޖެހިފައިވަނީވެސް އޮގަސްޓް ގައެވެ.
ސެޕްޓެމްބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާގެ 'ސުއި ދާގަ' އެވެ. މި ފިލްމުގެ ސޫޓިން އަށް ވަރުން މިހާރުވެސް ގެންދަނީ ތައްޔާރުވަމުންނެވެ.
އޮކްޓޯބަރުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލުމަކީ 'ޖަންގްލީ' އެވެ. އެކްޝަން ސީކުއެންސެއްގެ މައްޗަށް ތައްޔާރުކުރާ މި ފިލްމަކީ 19 އޮކްޓޯބަރުގައި ރިލީޒް ކުރުމަށް ތާވަލުކޮށްފައިވާ ފިލުމެކެވެ.
ނޮވެމްބަރު މަހަކީ އާމިރް ހާން އާއި އަމީތާބް ބައްޗަން އަދި ކްތެރީނާ ކައިފްގެ 'ތަގްސް އޮފް ހިންދުސްތާން' ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މަހެވެ. 'ތަގްސް އޮފް ހިންދުސްތާން' ތިއޭޓަރުތަކާ ހަމައަށް އަންނާނީ 7 ނޮވެމްބަރުގަ އެވެ. އަދި ރިތިކް ރޯޝަންގެ 'ސްޕަ 30' ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 23 ނޮވެމްބަރުގަ އެވެ.
2018 ވަނަ އަހަރު ނިންމާލާނީ ޝާހްރުކް ހާން އާއި ކެތްރީނާ ކައިފް އަދި އަނުޝްކާ ޝަރްމާގެ 'ޑޯފް' އާއި ރަންވީރް ސިންހްގެ 'ސިމްބާ' އިންނެވެ. 'ޑޯފް' ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުގަ އެވެ. 'ސިންބާ' ރިލީޒް ކުރާނީ 28 ޑިސެމްބަރުގަ އެވެ.
2018: ބޮލީވުޑްގެ ސިނަމާތަކަށް ބާރު ބޮޑު އަހަރަކަށް ވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ