ސްކޫލް ގައިޑް: އެހީތެރިވުމުގެ ނަމޫނާ ދަރިވަރުން

އެކި ކުދިންނަށް އެހީވުމާއި، އެއްބާރުލުން ދިނުމާއި، އެކި ކުދިންނާ ގުޅިގެން މަސައްކަތްކުރުމާއި އިސްނެގުމަކީ ކާމިޔާބު ދަރިވަރެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު ސިފަތަކެވެ. އިމާދުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގެ އަހްމަދު ސަމާހް އަކީ އެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރެކެވެ.
ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސަމާހް ދެކޭ ގޮތުގައި އެހެން ކުދިންނަށް އެހީތެރިވެދޭ ދަރިވަރުންނަށް އެންމެންގެ ލޯތްބާއި އިހްތިރާމް ލިބޭނެ އެވެ. އެހެން ކުދިންނަށް އޭނާ އެހީތެރިވެދޭ ސަބަބަކީ ސްކޫލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ތަފާތު އެކި ކުދިންނާ އެކު މަސައްކަތްކުރުމެވެ.
"ވަރަށް ގިނަ ކަންތައްތަކުގައި އުޅޭތީ ކަންނޭނގެ އެގޮތަށް އެ ފާހަގަކުރެވެނީ. ޑްރާމާ މުބާރާތެއް އޮތިއްޔާ އެކަމަށް ވެސް ދަން. އަނެއްކާ ކުޑަ ފުޓްބޯޅަ ޓީމަށް ޕްރެކްޓިސް ކޮށްދޭ ތަނަށް ވެސް ދަން. ގޮސް އެކުދިންނަށް ނޭނގޭ އެއްޗެހި ކިޔައިދެން،" އިމާދުއްދީންގެ އަލިމަސް ހައުސްގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމު ވެސް ފުރަމުން އަންނަ ސަމާހު ބުންޏެވެ.
ބިޒްނަސް ސްޓްރީމް ކިޔަވަމުން އަންނައިރު، ސަމާހުގެ އަމާޒަކީ މި ފެށޭ ދިރާސީ އާ އަހަރު، އިމާދުއްދީން ސްކޫލްގެ ކެޕްޓަންގެ މަގާމަށް އައުމެވެ.
"ހުރިހާ ކުދިންނަކީ އެއް ފެންވަރެއްގެ ކުދިންނެއް ނޫން. އެކި ކުދިންނަށް އެކި އެއްޗެހި އެނގޭނީ އެކި މިންވަރަށް. އެހެންވީމަ އެކަކަށް އެނގޭ އެއްޗެހި އަނެކަކަށް ކިޔައިދިނުމަކީ އެންމެން އެއްކޮށް ކުރިއަށް ދާނެ ކަމެއް،" ސަމާހު ބުންޏެވެ.
ފުޓުބޯޅަ ދަނޑުގައި ވެސް މުޅި ޓީމުގެ އިހްތިރާމް ހޯދުމަކީ އޭނާ ދެކޭ ގޮތުގައި ވަރަށް މުހިންމުކަމެކެވެ. "އަބަދުވެސް ވާނެ ހުރިހާ އެންމެންނާއިވެސް ގުޅިގެން އުޅެން. އެހެން ކުޅުންތެރިން ދެރަވާފަދަ އެއްޗެއް ނުބުނެ، ޓީމް ސްޕިރިޓް ދެމެހެއްޓުމަށްޓަކައިވެސް ހުރިހާ ކުދީން އެކަކު އަނެކަކަށް އެހީތެރިވެދީ ސަޕޯޓް ދިނުމަކީ މުހިންމުކަމެއް" ދިވެހިރާއްޖޭގެ ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ވުމުގެ އުންމީދުގައި ހުރި ސަމާހު ބުންޏެވެ.
މުހައްމަދު ލޫތު އިބްރާހިމް ޒިޔާއު، އިސްކަންދަރު
އިސްކަންދަރު ސްކޫލްގެ ގްރޭޑް 7 ގައި، 2017 ގައި، ތައުލީމު ހާސިލްކުރި މުހައްމަދު ލޫތު އިބްރާހިމް ޒިޔާއު އަކީ ވެސް ސްކޫލްގެ އެހެން ދަރިވަރުންނަށް އެހީތެރިވުމުގައި ނަމޫނާ ދަރިވަރެކެވެ. ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރާ ލޫތު ހިމެނެނީ ވާހަކަދެއްކުމުގެ މުބާރާތްތަކުގައި އިސްކަންދަރު ސްކޫލްގެ މުހިންމު މެންބަރެއްގެ ގޮތުގަ އެވެ.
ލޫތު ދެކޭ ގޮތުގައި އެހެން ކުދިންނަށް އެހީތެރިވުމަކީ ރަނގަޅު ލީޑަރެއްގެ ކިބައިގައި ކޮންމެހެން ވެސް ހުންނަން ޖެހޭ ސިފައެކެވެ.
"ލީޑަރަކީ ހަވާލުކުރެވިފައިވާ ޓާސްކެއް ނިންމުމަށް ހުރިހާ ކުދިންނަށް މޯޓިވޭޓް ކޮށްދީ، އެހީވެދީ، އަދި އެ ޓާސްކެއް ނިންމޭކަން ޔަގީންކޮށްދޭ ކުއްޖެއް،" ލޫތު ކިޔައިދިނެވެ.
މުސްތަގްބަލްގައި ލޯޔަރަކަށް ވުމުގެ އުންމީދުގައި ހުރި ލޫތު ބުނާގޮތުން އެހެން ކުދީންނަށް އެހީވެދީ އުޅޭ ކުއްޖަކަށް ސެލްފް ސެޓިސްފެކްޝަން ނުވަތަ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބޭނެ އެވެ. "އަދި ޓެސްޓެއް އޮންނަޏްޔާވެސް އެހެންކުދީންނަށް އެ ފިލާވަޅުތައް ކިޔައިދޭނަމަ އެ ކުއްޖަކަށް އަދި އެ ފިލާވަޅު މާ ރަނގަޅަށް ދަސްވެސްވާނެ." ލޫތް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ