ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންގެ އުއްމީދަކީ އެމީހުން ފަދައިން އެމީހުންގެ ދަރިން ވެސް އެ ކުޅިވަރުގެ އެންމެ އުހަށް ވާސިލްވުމެވެ. ލަވަކިޔުންތެރިންނާއި ފިލްމު ޕްރޮޑިއުސަރުން ވެސް ހަމަ އެމީހުން ހޯދި ކާމިޔާބީ ދަރިން ވެސް ހޯދުމަށް އެދެއެވެ.
ކުރުގޮތަކަށް ބުނާނަމަ، މަޝްހޫރު މީހުން ދެކޭ ގޮތުގައި އެމީހުންގެ “ލެގަސީ” ދަމަހައްޓަން އާއިލާގެ މެންބަރުން މަސައްކަތް ކުރަން ޖެހެއެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މިއީ މައްސަލައަކަށް ނުވިޔަސް، ސިޔާސީ މައިދާނުގައި މިފަދައިން އަމަލުކުރަން އުޅޭ މީހުން އެންމެ ރަނގަޅަށް ސިފަކޮށްދެވޭނީ “ޚުދުމުޚްތާރު ވެރިޔާ” މި ނަން ބޭނުންކޮށްގެންނެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ވެރިކަން ކުރެއްވި، ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ، ވެސް އެމަނިކުފާނުގެ “ލެގަސީ” ދަމަހައްޓަން ނުހަނު ބޭނުންފުޅުވާ ބޭފުޅެކެވެ. ރައީސް ކަމުގެ މަޤާމުން ދުރުކުރެވުނުތާ، 5 އަހަރުފަހުން ކޮއްކޯފުޅަށް ވެރިކަން ލިބުމަކުން ވެސް ރައީސް މައުމޫނުގެ އުއްމީދުތައް ޙާސިލެއް ނުވިއެވެ.
“ލެގަސީ” ދަމަހައްޓަން ރައީސް މައުމޫން ހަގީގަތުގައި އެންމެ ބޭނުންފުޅުވާ ކަމަކީ، އެމަނިކުފާނުގެ ދަރިކަލަކު ރާއްޖޭގެ ވެރިކަމަށް ގެންނެވުމެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޮއްކޯފުޅު ޔާމީނަށް ތާއީދު ކުރަން މައުމޫނު ނިންމެވީ މަޖުބޫރީ ހާލަތުގައި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އޭރު މައުމޫނުގެ ދަރިކަލުންގެ ތެރޭގައި ރައްޔިތުންގެ މެދުގައި މާބޮޑު މަޤްބޫލުކަމެއް ލިބިވަޑައިގެންފައިވާ ދަރިކަލަކު ނެތީމައެވެ.
2013 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މައުމޫނު ތާއީދުކުރައްވައިގެން ހުންނެވީ، އުމަރު ނަސީރަށް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގެ އުފަލާއި ލައްޒަތު ލިބުނު ހުރިހާ އެންމެން ތިބީ އުމަރު ނަސީރާއި އެކުގައެވެ. ނުވިތާކަށް އުމަރު ނަސީރުގެ ކެމްޕެއިން ލޯންޗު ކުރީވެސް ކުރީގެ ވަޒީރެއްގެ ގެކޮޅުގައެވެ.
މައުމޫނުގެ ދަރިކަލުން، ރައީސް ޔާމީންގެ ކެމްޕެއިން އިން ފެންނަން ފެށީ، އެވާހަކަތައް މީޑިޔާއަށް ތިލަވި ހިސާބުންނެވެ. ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން މައުމޫނު “ސިއްރިއްޔާތުގައި” އުމަރަށް ތާއީދު ކުރެއްވި ނަމަވެސް، ޕީޕީއެމްގެ ޕްރައިމަރީގައި ފުރިހަމަ ކާމިޔާބެއް ހޯއްދެވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނެވެ.
ޕްރައިމެރީ ކާމިޔާބު ކުރުމުން ޔާމީނަށް ތާއިދު ކުރަން މައުމޫނަށް މަޖުބޫރުވިއެވެ. ސަބަބަކީ މައުމޫނަށް ވިސްނުނު ގޮތުގައި މައުމޫނުގެ ދަރިއަކު ވެރިކަމަށް ގެންނަން ޕީޕީއެމް ވެރިކަމަށް އައުން މުހިއްމު ވުމެވެ.
ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރިއެވެ. ނަމަވެސް މައުމޫނުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވެރިކަމަށް ނުފޫޒު ފޯރުވަން ފެއްޓެވިއެވެ. ކެބިނެޓަށް ވެސް ލާންވީ މައުމޫނު ބޭނުން މީހުންނެވެ. 10 ވަރަކަށް މީހުންގެ ނަން މައުމޫނުފޮނުއްވި ކަމަށް ވެއެވެ.
މައުމޫނު މަސައްކަތް ކުރެއްވީ، އެމަނިކުފާނުގެ ގޮނޑިކޮއްކޮ ސަރުކާރެއް ޤާއިމްކުރުމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ ރައްޔިތުން ވޯޓު ދިނީ 30 އަހަރުގެ ވެރިކަމެއް އިޢާދަކުރަން ނޫންކަން ރައީސް ޔާމީން އެންމެ ފަހަރަކު ވެސް ހަނދުމަފުޅު ނައްތާ ނުލައްވައެވެ. ވެރިކަމަށް ވަޑައިގެން އަވަދިނެތި އުޅުއްވީ ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށެވެ. ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވުމަށެވެ.
އެ މަސައްކަތް މެކުހަށް ޖަހާލި ހިސާބުން، ވެރިކަމުގެ އެތެރޭ ކޮއިލުން ރައީސް ޔާމީނުގެ ވެރިކަމަށް ލޮޅުން އަރުވާލުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. އެންމެ ފުރަތަމަ އެކަމުގައި އުޅުއްވީ، ޑރ. ޖަމީލެވެ. އެއީ ވެސް ރަށުތެރޭގައި ވާހަކަ ދެކެވޭ ގޮތުގައި، ރައީސް މައުމޫނު އަޑީގައި ހުންނަވައިގެން ގެންނަން އުޅުނު ބަޣާވާތެކެވެ.
ﷲގެ ރަޙްމަތްފުޅާއި އެކު ޑރ.ޖަމީލް ކުރައްވަން އުޅުއްވި ކަންތައް ފުރިހަމައެއް ނުވިއެވެ. އެބޭފުޅާ ނައިބު ރައީސް ކަމުން ދުރުކުރެވުނެވެ. އެހިސާބުން ރައީސް މައުމޫންގެ ޕްރެޝަރު އިންތިހާއަށް ކުރިމަތިވިއެވެ. ދަރިކަލުން ފާރިސް މައުމޫނަށް ނައިބު ރައީސްކަން ދެއްވަން މަޖުބޫރު ކުރައްވަން ފެއްޓެވިއެވެ. އެހެން ނަމަވެސް އެކަމެއް ޙާސިލެއް ނުވިއެވެ.
ޑރ.ޖަމީލަށް ފަހު ނައިބު ރައީސް ކަމަށް އަދީބު އައްޔަން ކުރެވިއްޖެއެވެ. އަދީބު ޣައްދާރުވެ، ރައީސް ޔާމީންގެ ފުރާނަފުޅު ދުއްވާލަން އުޅުއްވި ހިސާބުން އެބޭފުޅާ މަޤާމުން ދުރުކުރެވުނެވެ. އަނެއްކާވެސް މައުމޫން ވަޑައިގެންނެވީ ދަރިކަލުންގެ ނަންފުޅު ހިއްޕަވައިގެންނެވެ.
މިފަހަރު ވެސް ރައީސް ޔާމީން އެކަމަށް އެއްބަސްވެވަޑައި ނުގެންނެވިއެވެ. އެހެންވެ މައުމޫން މަސައްކަތްޕުޅު ފެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަޣާވާތެއް ގެންނެވުމަށެވެ. މީގެ އެންމެ ހެއްވާ ތަންކޮޅަކީ، މައުމޫނުގެ ދަރިކަލުން ފާރިސް މަޖިލީހުގައި އެ މަސައްކަތް ފެއްޓެވިއިރު، ފާރިސް މަޖިލީހަށް އިންތިހާބު ކުރުމަށް އެންމެ ބާރު އެޅުއްވި ބޭފުޅަކީ، ރައީސް ޔާމީން ކަމެވެ.
މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ވެރިކަމާއި ތޮޅެން އުޅެނިކޮށް ފާރިސްގެ މައްޗަށް ދައުވާ އުފުލައި ޖަލުގައި ބަންދުކުރެވުނެވެ. ކުޑަކެކުރި ބޮޑުކެކުރި އިންސާފުގެ ޒަމާނަށް ނުވިޔަސް މައުމޫން ބޭނުންފުޅުވީ ފާރިސް ވަގުތުން މިނިވަންކުރުމަށެވެ. އެކަން ނުކުރެއްވުމުން ފަރުދާގެ ފުރަގަހުގައި، ފެއްޓެވީ ނުރައްކާތެރި މަސައްކަތެކެވެ.
ޝަރުޢީ ދާއިރާގެ ތެރެއިން ނުރައްކާތެރި ބަޣާވާތެއް ގެންނެވުމަށެވެ. އެކަން ވަރަށް ފުރިހަމައަށް މައުމޫން ކުރިއަށް ގެންދެވިއެވެ. އެހެން ނަމަވެސް، ﷲގެ އިރާދަފުޅުން އެ ނުބައި ރޭވުން ކާމިޔާބެއް ނުވިއެވެ. މައުމޫނަށް އަނެއްކާވެސް ލިބުނީ ބޮޅެކެވެ. ބަޣާވާތް ފެއިލްވެ، މައުމޫނާއި ވެސް ޤާނޫނު އަރާ ހަމަކޮށްފިއެވެ.
މައުމޫނު ވިދާޅުވަނީ، މަސައްކަތް ކުރައްވަނީ އިސްލާޙަށް ކަމަށެވެ. އެހެން ނަމަވެސް، ހަގީގަތުގައި މައުމޫނުގެ އަމާޒަކީ ދަރިކަލުންނަށް ވެރިކަން ހޯއްދަވައި ދެއްވުން ނޫން ކޮންކަމެއް ހެއްޔެވެ؟
މައުމޫނު ބޭނުންފުޅުވަނީ ދަރިކަލަކަށް ވެރިކަން ހޯއްދަވައިދެއްވަަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ