ޖަނެރޭޓަރުތައް އިންސްޓޯލް ކުރަން ހޮނިހިރު ދުވަހު، 3 ގަޑިއިރަށް ކަރަންޓު ކަނޑާލާނެ

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގެނެސްފައިވާ 2 މެގަވޯޓުގެ 2 ޖަނެރޭޓަރުތައް އިންޖީނުގޭގެ މެއިން ނެޓްވޯކް އާއި ގުޅުމަށްޓަކައި އިންޖީނުގެއިން 16 ޑިސެމްބަރު ވާ ހޮނިހިރު ދުވަހު 3 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ފެނަކަ އައްޑޫ އޮފީހުން ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހެނދުނު 10 އަކުން ފެށިގެން މެންދުރުފަހު 1 އާއި ދެމެދު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް މެދު ކެނޑޭނެ ކަމަށެވެ.
"ގަމުން ފެށިގެން ހިތަދޫ އާއި ހަމައަށް އެއްކޮށް ކަރަންޓު ކަނޑާލާނެ. ލަފާކުރެވެނީ 3 ގަޑިއިރުގެ ތެރޭގައި އަލަށް ގެނައި 2 ޖެންސެޓް ވެސް އިންޖީނުގޭގެ ނެޓްވޯކާއި ގުޅާލައި އަލުން ކަރަންޓު ދެވޭނެ ކަމަށް." އޮފިޝަލް ވިދާޅުވިއެވެ.
ފެނަކަ އައްޑޫ އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި 2 މެގަވޯޓުގެ 2 ޖަނެރޭޓަރުން ކަރަންޓު ދޭން ފެށުމުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެން ދާނެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ އިންޖީނުގޭގެ ހާލަތު ރަގަޅު ކުރުމަށް 2 މެގަވޯޓުގެ 2 ޖަނެރޭޓަރު އައްޑޫއަށް ގެނައީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް އެ ޖަނެރޭޓަރުތައް އައްޑޫއަށް ގެނައިތާ މާ ގިނަ ދުވަހެއް ނުވެ މިނިވަން50 ގެ ބޭނުމަކަށް ކަމާށް ބުނެ މާލެ ގެންދިޔައެވެ.
އައްޑޫން ގެންދިޔަ ޖަނެރޭޓަރު ތަކުގެ ބަދަލުގައި އާ ޖަނެރޭޓަރުތަކެއް އައްޑޫ އަށް ގެނައީ އޭގެ އަހަރެއްހާ ދުވަސް ފަހުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ