ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ އެނބުރި އައުން ވަރަށް ހިތްގައިމު

މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު އަހަރުތަކެއް ވަންދެން ލަވަޔާއި މިޔުޒިކާ ދުރުގައި އުޅުމަށްފަހު އެނބުރި މިއުޒިކްގެ ތެރެއަށް އައުން ފާހަގަކުރުމަށް "އުމަރު އިސް ބެކް"ގެ ނަމުގައި ރޭ ހާއްސަ ޝޯއެއް ބާއްވައިފި އެވެ.
މޯލްޑިވްސް އިންޑިއާ ފްރެންޑްޝިޕް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން އިންޑިއަން ކަލްޗްރަލް ސެންޓަރުގައި ރޭ ބޭއްވި ހާއްސަ ޝޯގައި އުމަރުގެ ލަވަތަކުގެ ތެރެއިން ދިވެހިންގެ މެދުގައި މަގުބޫލު ދިވެހި ލަވަތަކާއި އިނގިރޭސި އަދި ހިންދީ ލަވަވެސް ހުށަހަޅައިދީފައިވެ އެވެ.
އުމަރުގެ އެނބުރި އައުން ޝޯ ގައި މިޔުޒިކް ކުޅެދީފައިވަނީ ތޮލާލް އާއި އުމަރުގެ ދަރިފުޅު، އާފި އުމަރު ޒާހިރެވެ.
މި ޝޯގެ ޝަރަފުވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވަނީ އުމަރު ޒާހިރުގެ ލަވަކިޔުމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަދައްކަވާފަ އެވެ.
އުމަރާ އެކު ރޭގެ ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގުވެސް ލަވަ ހުށަހަޅައިދިނެވެ. އުމަރާއި ޝިފާ ގުޅިގެން ހުށަހެޅި ލަވަތަކަށް ވަރަށް ބޮޑު ތަރުޙީބެއްވެސް ލިބިގެން ގޮސްފައިވެ އެވެ.
އިންޑިއަން ކަލްޗްރަލް ސެންޓަރުގެ ޑިރެކްޓަރު މުހައްމަދު ޚާލިގު ވިދާޅުވީ ކޮންމެ މަހަކުވެސް ދިވެހި ފަންނާނުންގެ މިފަދަ ޝޯތައް އެސެންޓަރުގައި ބާއްވަމުން ގެންދާނެ އެވެ. އުމަރު ޒާހިރުގެ މި ޝޯއަކީ ފެށުމެއް ކަމަށާއި ދިވެހި ފަންނާނުންނަށް އެ ސެންޓަރުގެ ފަރާތުން އެހީތެރިވެ ދިނުމަށް ތައްޔާރަށް ތިބި ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ޒާހިރަކީ ތަފާތު މިޔުޒިކް ބޭންޑްތަކުގައި މަސައްކަތްކުރުމުގެ އިތުރުން ރިސޯޓް މިޔުޒިކާއި އަލްބަމް ނެރުމުގައި ވެސް ވަރަށް ފާހަގަކޮށްލެވުނު ފަންނާނެކެވެ.
އުމަރުގެ "ހަންހާރަ" ސިލްސިލާގެ އަލްބަމްތަކަކީ ރާއްޖޭގައި ރެކޯޑްތައް މުގުރާލި ލަވަ އަލްބަމްތަކެވެ. ލަވަކިޔުމުގެ ރޮނގުން ގައުމީ އިނާމުވެސް ހާސިލްކުރައްވާފައިވާ އުމަރު ޒާހިރު، މިޔުޒިކީ މަސައްކަތަށް އެނބުރި އައުމަށްޓަކައި "ޔޫޒީ"ގެ ނަމުގައި ބޭންޑެއް އުފައްދައިގެން ރިސޯޓްތަކާއި އެކި ހަފްލާތަކުގައި މިޔުޒިކް ކުޅުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.
ކުރިއަށް އޮތް ރަމަޟާން މަހު ވީޓީވީން ގެނެސްދޭ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައިވެސް އުމަރު ޒާހިރުގެ ހާއްސަ ޕްރޮގްރާމެއް ގެނެސްދިނުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ