ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރަން ދެކޮޅު ހެދުމަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ހައްޔަރުކޮށްފައިވާތީ ދިވެހި ސަރުކާރުގެ އެ ނިންމުމަކީ ޕާކިސްތާން ސަރުކާރުން ތާއީދުކުރާ ކަމެއް ނޫން ކަމަށް ޕާކިސްތާން ސަރުކާރުން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް ޕާކިސްތާނުގައި ނޫސްތަކުގައި ބުނެފި އެވެ.
ޮޕާކިސްތާންގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގެ ސަރުކާރުން މިގޮތަށް އެންގީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިހާރު ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ޕާކިސްތާންގެ ބޮޑުވަޒީރު ޝާހިދު ޚަގާން އައްބާސީއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ބޮޑުވަޒީރު ޝާހިދު އެވެ.
ޕާކިސްތާން ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ޕާކިސްތާންގެ ނޫސްތަކުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށް އަޅަމުންދާ ފިޔަވަޅުތަކަކީ ޕާކިސްތާނުން އެކަމަށް ތާއީދުކުރާ ކަންތައްތަކެއް ނޫން ކަމަށް ބޮޑުވަޒީރުން އަންގަވާފައިވާ ކަމަށެވެ.
ބޮޑުވަޒީރު ޝާހިދަކީ ޕާކިސްތާންގައި ކުރިން ވެރިކަން ކުރެއްވި ޖެނަރަލް ޕަރްވޭޒް މުޝައްރަފު 2007 ވަނަ އަހަރުގެ ތެރޭގައި އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޕާކިސްތާންގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ގާނޫނާ ހިލާފަށް އެޅުއްވި ހަރުކަށި ފިޔަވަޅުތައް ކުށްވެރިކޮށް ފާޅުގައި އެކަމާ ދެކޮޅަށް އަޑު އުފުއްލެވި ބޭފުޅެއް ކަމަށާއި އެފަދަ ހާލަތެއްގައި މިއަދު ރާއްޖެ އޮތް އިރު ދިވެހި ސަރުކާރުގެ ނިންމުމަށް ތާއީދުކުރާނީ ކިހިނަންތޯއޭ ވިދާޅުވެ ބޮޑު ވަޒީރު ޝާހިދު ސުވާލުކުރެއްވި ކަމަށްވެސް ޕާކިސްތާންގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
މިބައްދަލުވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އާސިމް ޕާކިސްތާންގެ ބޮޑުވަޒީރަށް ދައުވަތު ދެއްވި ކަމަށާއި، ނަމަވެސް ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާތީ ރާއްޖެއަށް މިވަގުތު ދަތުރުފުޅެއް ކުރެއްވުމަކީ އެކަމަށް ތަރުހީބު ދިނުން ކަމަށްވާތީ މިވަގުތު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވެން ނެތް ކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށްވެސް ޕާކިސްތާންގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަތަކުގެ ތެރެއަށް ޕާކިސްތާނުން ވަންނަން ބޭނުން ނުވާ ކަމަށާއި ޕާކިސްތާނުން ތާއީދުކުރަނީ އދ. ގެ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވެ މައްސަލަތައް ހައްލުކުރަން ކަމަށް ބޮޑުވަޒީރު ޝާހިދު ދެންނެވި ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ. ރާއްޖެ މިވަގުތު އޮތީ ޕާކިސްތާނުން ކަންބޮޑުވާ ހާލަތެއްގައި ކަމަށް މިބައްދަލުވުމުގައި ބޮޑުވަޒީރު ޝާހިދު ތަކުރާރުކޮށް ފޮރިން މިނިސްޓަރު ޑރ. އާސިމަށް ދެންނެވި ކަމަށްވެސް ޕާކިސްތާންގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ޕާކިސްތާނަކީ ރާއްޖޭގެ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށްފަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ބޭރުގެ ގައުމުތަކަށް އޮޅުންފިލުވައިދިނުމަށް ރައީސް ޔާމީންގެ ހާއްސަ މަންދޫބުން ފޮނުއްވި ތިން ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.
ރައީސް ޔާމީންގެ މަންދޫބުން ފޮނުއްވީ ޕާކިސްތާންގެ އިތުރުން، ޗައިނާއާއި ސައުދީ އަރަބިއްޔާ އަށެވެ. ރައީސް ޔާމީންގެ ހާއްސަ މަންދޫބެއް އިންޑިއާ އަށް ފޮނުއްވަން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ރައީސްގެ މަންދޫބަށް މިވަގުތު ވަގުތު ދެވެން ނެތް ކަމަށް އިންޑިއާ ސަރުކާރުން އެންގުމުން އެގައުމަށް ރައީސްގެ ހާއްސަ މަންދޫބެއް ފޮނުއްވާފައެއް ނުވެ އެވެ.
ޮޮދިވެހި ސަރުކާރާ އަބަދުވެސް ގާތްގުޅުމެއް އޮންނަ ޕާކިސްތާނަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވި މަދު ސަރުކާރު ތަކުގެ ތެރޭގައި ހިމެނޭ އެއް ސަރުކާރެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ދެކޮޅަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތާއީދުނުކުރާ ޕާކިސްތާނުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ