ސްޕްރީމް ކޯޓުން ނެރުނު ހުކުމަކީ ރައީސް އަަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައި ހުކުމެއް ނޫންކަަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިރޭ ދައުލަތުގެ މީޑިޔާ "ޕީއެސްއެމް"އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، 2018 ވަނަ އަހަރުގެ އިންތިހާބު ކައިރި ވަމުންދާ ވަރަކަށް އިދިކޮޅު ފަރާތްތަކުގެ ކަންކަން ދާނީ ބޮޑުވަމުން ކަމަށާއި، އެ އިންތިހާބުގައި ވާދަކޮށްގެން ރައީސް ޔާމީން ބަލި ނުކުރެވޭނެކަމަށް އިދިކޮޅު ފަރާތްތަކަށް އިނގޭ ކަމަށެވެ.
އަދުރޭ ވިދާޅުވީ، ސްޕްރީމް ކޯޓުން ހުކުމެއް ނެރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ބާރު ކެނޑިގެން ދިޔުން ނޫން ކަަމަށެވެ.
"އެއްގޮތަކަށްވެސް އެގޮތަށް މާނަ ކުރައްވައިގެން ނުވާނެ. އެ ހުކުމްގައިވެސް ނެތް ރައީސުލްޖުމްހޫރިއްޔާ ބެހޭ ގޮތުން އެއްެވެސް އެއްޗެއް ވިދާޅުވެފައެއް". އަދުރޭ ވިދާޅުވިއެވެ.
އަަދުރޭ ވިދާޅުވީ، ސްޕްރީމް ކޯޓުން ނެރުނު ހުކުމަކީ ރައީސް އަަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައި ހުކުމެއް ނޫންކަަމަށެވެ.
"މި ހުކުމްގައެއް ނެތް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައި ވާހަކައެއް. އެހެންވީމަ އެއީކީ އެއްވެސް ގޮތަކަށް ރައްޔިތުން ވިސްނަންވީކަމެއް ނޫން. އިދިކޮޅު ފަރާތްތަކުން ތަންތަނަށް އެއްވެ ރައީސް ޔާމީންގެ ވެރިކަން ވެއްޓިއްޖެޔޭ ބުނާ ބުނުމަށް އެއްގޮތަކަށްވެސް ގަބޫލު ނުކުރައްވާށޭ". އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ސާބިތުކަމާއެކީ ކެރިގެން ކުރިމަތިލައްވާ ބޭފުޅެއް ކަަމަށެވެ. އެހެންކަމުން ގައުމަށް ދިމާވާ ވަކިވަކި ހާލަތްތަކުގައި ކުރީގެ ރައީސުން ކަންތައް ކުރެއްވި ގޮތަށް ރައީސް ޔާމީން ކަންތައް ނުކުރައްވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަކީ ގައުމުގެ ތަރައްގީއަކަށް އަމާންކަމަކަަށް އަދި ގައުމަށް ކުރިއެރުން އެދޭ ބައެއް ނޫންކަން ސިފަ ކުރައްވަމުން އަދުރޭ ވިދާޅުވީ، އެ ބޭފުޅުން ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް މި ގައުމުގެ ވެރިކަމަށް އައުމަށް ކަމަށެވެ.
"ވިސްނާވަޑައިގަންނަވާ އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް ވަނަ އަހަރު މި ކުރިއަށްދަނީ. މިހާތަނަށް ގައުމަށް ތަރައްގީ ގެނައުމަށްޓަކައި ދައުލަތުން ހުށަހެޅި އެއްވެސް ބަޖެޓަކަށް ވޯޓު ދެއްވާފައެއް ނެތް. އެ ބަޖެޓުގައި އެބޭފުޅުންގެ ދާއިރާތަކަށް ތަރައްގީއާއި ބޮޑެތި މަޝްރޫއުތައް ހިމަނާފައި ހުއްޓާ އެއަށް ވޯޓު ނުދީ ދަނީ". އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އެ ޕާޓީއަކީ އެއްވެސް އިރެއްގައި ގާނޫނާއި ހިލާފަށް މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެކަން އޮތީ އެއިރުގެ ސަރުކާރާއި އިދިކޮޅަށް ތިބިއިރުވެސް އެގޮތަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އިންތިހާބެއްގައި ވާދަކޮށްގެން ރައިސް ޔާމީން ބަލިނުކުރެވޭނެކަަން އިދިކޮޅު ފަރާތްތަކަށް އިނގޭ ކަމަށާއި، އަދި ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނެވަރުގެ ކެންޑިޑޭޓަކުވެސް އެބޭފުޅުންނަށް ނުދެއްކޭނެކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ނެރޭ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމިން އާ ވާދަކޮށްލެވޭ ފެންވަރުގެ ކެންޑިޑޭޓަކަށްެވެސް ނުވާނެކަަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިރޭ އުފާ ފާޅުކުރައްވަމުން ގެންދަވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުނުކަމަށް ހީކޮށް ކަމަށެވެ.
"އެކަމަކު އެއްގޮތަށްކަށްވެސް އެހެނެއް ނުވި. އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ވެރިކަމެއް ނުނިމޭނެ. ރައީސް ޔާމީންގެ ވެރިކަން ދާނީ ކުރިއަށް. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށް ރައީސް ޔާމީންގެ ވެރިކަން ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ އެ އިންތި ހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ. ވާދަކުރައްވައިގެން ވަރަށް ތަނަވެސް އަގުލަބިއްޔަތަކުން ރައީސް ޔާމީން މި ރާއްޖޭގެވެރިކަން ދެ ވަނަ ފަހަރަށް ކާމިޔާބު ކުރައްވާނެ". އަދުރޭ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކީ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައި ހުކުމެއް ނޫން - އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ