ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ ކަރަންޓުގެ ސާމާނު ކައުންސިލުން ފޯރުކޮށްދެނީ


 
ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން ،އެޗް ޑީ ސީން އަތޮޅުތަކުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނ. މަނަދޫގައި އިމާރާތްކުރަމުންދާ 25 ހައުސިން ޔުނިޓަށް ބޭނުންވާ ކަރަންޓާއި ނަރުދަމާ ނިޒާމު ފޯރުކޮށްދިނުމުގެ މަސައްކަތް މަނަދޫ ކައުންސިލުން ފަށައިފިއެވެ.
 
އެގޮތުން މީހުން ދިރިއެޅެވޭ ވަރަށް ނިމިފައިވާ ފަނަރަ ގެއަށް ބޭނުންވާ ކަރަންޓާއި ނަރުދަމާ ވިހާވެސް އަވަހަކަށް ފޯރުކޮށްދީ، އެ ގެތަކުގައި މީހުން ވަޒަންވެރި ކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަނަދޫ ކައުންސިލުން މައުލޫމާތުދެއެވެ. މަނަދޫގައި އިމާރާތްކުރަމުންދާ 25 ހައުސިން ޔުނިޓަށް އެދި ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު 25 ފަރާތް މިހާރުވަނީ އިއުލާން ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މަނަދޫގެ 12 ފަރާތަކާއި، އަތޮޅުތަކުގެ 13 ފަރާތެކެވެ. އަމަލީ މަސައްކަތް ނުނިމިހުރި ގެތަކަށް މީހުން ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ އެ ގެތަކުގެ މަސައްކަތް ނިމުމުންނެވެ. އެގޮތުން މަސައްކަތް ކުރިއަށްދާ 10 ގެއެއް އެބަހުއްޓެވެ. މަނަދޫގެ އިތުރުން އެޗްޑީސީގެ ފަރާތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދެން ކުރިއަށް ގެންދަނި ހދ.ކުޅުދުއްފުއްޓާއި، ޅ.ނައިފަރާއި، ގއ.ކޮލަމާފުއްޓާއި، ގދ.ތިނަދޫގެ އިތުރުން ސ.ފޭދޫގައެވެ. މީގެތެރެއިން މަނަދޫ އަދި ތިނަދޫގައި އިމަރާތްކުރަމުންދަނީ ހައުސިން ޔުނިޓް އަދި ދެން ހުރި ރަށްތަކުގައި އިމާރާތް ކުރަނީ ރޯހައުސްއެވެ.
 
 
މިގޮތުން މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި 25ގެ ނުވަތަ ރޯ ހައުސް ހެދުމަށް ނިންމާފައިވެއެވެ. މަނަދޫގައި ނުހެދި ހުރި 10ގެ ފިޔަވައި އެހެން ހުރިހާ ރަށެއްގައި އިމާރާތްކުރަމުންދާ ތަންތަން މިހާރު ވަނީ ނިމިފައެވެ. އަދި ޅ.ނައިފަރު ފިޔަވައި އެހެން ރަށްތަކުގައި ކުރިއަށްދަނީ ގެތައް ނުވަތަ ރޯ ހައުސްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތްކަން ފާހަގަކުރެވެއެވެ. ޅ.ނައިފަރުގައި އިމަރާތްކޮށްފައިވާ ރޯ ހައުސްތައް ސަރުކާރުންވަނީ ޅ.މާފިލާފުށިން ނައިފަރަށް ބަދަލުވި އާއިލާތަކަށް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ