އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ނުލާ ސުޕްރީމް ކޯޓުން ނެރޭ ނިންމުންތައް ސައްހަ ނުވާނެ ކަމަށާއި ކުއްލި ހާލަތު ގަރާރާ ފާސް ކޮށްފައިވަނީ ސައްހަ ނޫން ވޯޓަކުން ކަމަށްކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ސައްހަކަން ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގަރާރަށް ލަފައަކަށް އެދިފައިވާ އެ ގަރާރަށް އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވަނީސް އެވެ.
ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީއާ އެއްގޮތަށް ގަރާރު ސަރުކާރަށް ފާސްވެފައި ނުވާ ކަމަށެވެ. ގާނޫނު އަސާސީގައި ބުނާ 43 މެންބަރުން މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގިއިރު ނެތްކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އެހެންވެ، ކުއްލި ހާލަތު ދަންމާލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
"އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ވެސް އެ ތިއްބެވީ ހައްޔަރުގަ، ސުޕްރީމް ކޯޓުގެ ބާކީ ތިއްބެވި ފަނޑިޔާރުން ނެރުއްވާ ނިންމުންތައް ސައްހަ ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ މިއަދު އިންޑިއާއިން ނެރުނު ބަޔާނަށް މަރުހަބާ ދަންނަވާ، އެ ބަޔާނުގައިވާ ގޮތަށް 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.
ގާނޫން އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ ކަމެއް މަޖިލީހުން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެގެނެވެ. އެއީ ޖުމުލަ 43 މެންބަރުންނާއެކުގަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީ އެ މައްސަލަ ފާސް ކުރީ 38 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް މިއަދު ވަނީ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއަ ހަވާލާދީ ވޯޓުގައި ދެބައިކުޅަ އެއްބައި މެންބަރުން ބައިވެރިވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ގަވައިދުގައި ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނުހިމެނެ ކަމަށް މަސީހު ވިދާޅުވި އެވެ. އެހެންވެ މިއަދުގެ ވޯޓުގެ ސައްހަ ވާނެ ކަމަށް މަސީހު ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތައް ސައްހަ ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން މީގެކުރިން ގާނޫނީ ވަކީލް އަދި މަޖިލިސް މެންބަރު މާރިޔާ ދީދީ ތަފްސީލްކޮށް ދެއްވާފައިވެ އެވެ.
މާރިޔާ ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް އެކުވެލެވިފައިނުވާ ހާލަތެއްގަ ސުޕްރީމް ކޯޓަށް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ސަސްޕެންޑްކޮށްފައި ތިބުމުން އެ ހާލަތު މިހާރު ސުޕްރީމް ކޯޓުގައި ނެތް ކަމަށެވެ.
އެގޮތުން މާރިޔާ ފާހަގަ ކުރެއްވީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުން ކަނޑައަޅައި އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. މިހާރު ގާނޫނު އޮތް ގޮތުން ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ ފަސް ފަނޑިޔާރުންނެވެ.
އުއްތަމަ ފަނޑިޔާރު ނެތި ސުޕްރީމް ކޯޓުންނެރޭ ނިއްމުމެއް ސައްހައެއް ނުވާނެ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ