ދައުލަތުގެ ސިއްރަށް ނުވާ މައުލޫމާތު އާންމުކުރުމަކީ ކުށެއް ނޫން: ދިޔާނާ

ދައުލަތުގެ ސިއްރަށް ނުވާ މައުލޫމާތު އާންމުކުރުމަކީ ކުށެއް ނޫންކަމަށް ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބް އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ ވިލާ ގުރޫޕްގެ ރިސޯޓްތަކަށް އެރި ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންގެ ނަންތައް އާއްމުކުރި ކުރުމަކީ ބިރުދެއްކުމަށްކުރިކަމެއްކަމަށާ އެ މައްސަލައާއި ގުޅިގެން ފިޔަވަޅު އަޅަންޖެހޭނެކަމަށް ރައީސް ޔާމީނަށް ތާއީދުކުރާ ޕީޕީއެމްގެ އިސްވެރިން ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
ދިޔާނާ ސައީދު ވިދާޅުވީ އާންމު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނާއިއެކު، ދައުލަތުގެ އެންމެހާ މުވައްޒިފުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރަނީ އެމީހުންނަކީ ކޮންބައެއްކަން އެނގޭގޮތަށް ހާމަކަމާއިއެކުކަމަށެވެ.
އަދި އެއީ ސިއްރު މައުލޫމާތެއް ނޫންކަމަށާ ދައުލަތުގެ ސިއްރަށް ނުވާ މައުލޫމާތު އާންމުކުރުމަކީ ކުށެއް ނޫންކަމަށް ދިޔާނާ ވިދާޅުވިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިލާ ކުންފުނީގެ ރިސޯޓުތަކަށް އަރައި ހިންގި އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންގެ ނަން ހާމަކޮށް ބަޔާން ނެރުނު މައްސަލަ ކަސްޓަމްސްއިން ފުލުހުންނަށް ހުށައަޅާފައިވާއިރު، ފުލުހުންވެސް ވަނީ އެކަމާއި ކަންބޮޑުވެ މައްސަލަ ބަލަމުންދާކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން މިވަގުތު ގާނޫނީ ހުސްކަމެއްގައި އޮތް ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީންގެ ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވިލާގެ އެ މައްސަލަ ބަލަންޖެހޭނެކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ގާނޫނީ ވަކީލުން ގެންދަވަނީ މިއީ ތަހުގީގުވެސް ކުރެވޭނެ މައްސަލައެއް ނޫންކަަމަށް ވިދާޅުވެ ފުލުހުންގެ މި މިއަމަލު ކުއްވެރިކުރަމުންނެވެ.
ވިލާ ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ނެރުނު ނޫސްބަޔާނުގައި ބުނަނީ ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ބަލައިފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ނަމުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނިސްބަތްވާ 37 ފަރާތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނިސްބަތްވާ ހަތް ފަރާތެއް، މިމަހުގެ 20 ވަނަ ދުވަހު ވިލާޝިޕިންގ އެންޑް ޓެރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ފަންއައިލެންޑް ރިޒޯޓަށް އަރާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ