ހަފްތާގެ ޝަރީއަތް: މައުމޫން ހާޒިރެއް ނުކުރެވުނު، މެންބަރުންނާއި ސިޔާސީ ވެރިން އަދި މަރުގެ ޝަރީއަތްތައް ކުރެވުނު

ކްރިމިނަލް ކޯޓަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގައި ކުޑަކުދިންކުރާ ކުށްކުށުގެ މައްސަލަތައް ފިޔަވައި، މީހުންކުރާ ޖިނާއީ ކުށްކުށުގެ މައްސަލަތަކުގެ ތެރެއިން އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިނުވާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެކެވެ. ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ކްރިމިނަލް ކޯޓަކީ މީޑިއާގެ ސަމާލުކަން އެއް ދިމާއަކަށް ހުއްޓުނު އެންމެ މުހިންމު މުއައްސަސާއެވެ.
ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް ޝަރީއަތަށް ހާޒިރެއް ނުކުރެވުނު
ހިނގަމުން މިދާ ހަފްތާގައި ކްރިމިނަލް ކޯޓުގައި ކުރެވުނު މުހިންމު ޝަރީއަތްތަކުގެ މަށްޗަށް ކުރު ގޮތަކަށް ނަޒަރު ހިންގާލާއިރު ފެނިގެންދިޔައީ، އެ ބޭފުޅެއްގެ މައްޗަށް ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވާ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ހާޒިރުކުރަން ކުރި މަސައްކަތް ނާކާމިޔާބުވެ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މަޑިޖެހުނު މަންޒަރެވެ.
އެގޮތުން ބަލާއިރު، ވޭތުވެދިޔަ ހަފްތާގެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މައުމޫންގެ މައްޗަށް ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށް އެކަން ކުރެވިފައި ނުވާއިރު، މިމަހުގެ 13 ވީ އާދީއްތަ ދުވަހުގެ 15:00 އަށް ތާވަލުކުރި ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުންވެސް ކެންސަލް ކޮށްފައިވަނީ އެމަނިކުފާނުގެ ޞިއްޙީ ހާލަތު ތަން ނުދިނުމާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީއެވެ. ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތަފާތު ހަތަރު ފަހަރެއްގެ މަތިން މައުމޫން މާލެ ގެނެސް ހޮސްޕިޓަލުން ފަރަވާދީފައިވާކަން މީޑިއާ ރިޕޯޓުތަކުން އެނގެއެވެ.
މީގެ އިތުރުން ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުންނެވި މައުމޫނުގެ އާއިލީ ބައްދަލުވުންތަކާއި ފޯން ކޯލުތައް މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލާފައިވާ ކަން ފުލުހުން މައުމޫންގެ އާއިލާއަށް އެންގި ކަމަށް އެމަނިކުފާނުގެ ވަކީލު މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު މައުމޫނުގެ އާއިލީ ބައްދަލުވުންތައް ހުއްޓުވުނީ އޮޅުމަކުން ކަމަށް ބުނެ އެ ބައްދަލުވުންތަކަށް ފުލުހުން އަލުން ފުރުސަތު ދީފައިވާ ކަމަށް މިމަހުގެ 14 ވީ ހޯމަ ދުވަހު އެމަނިކުފާނުގެ އާއިލާއިން ވަނީ ބުނެފިއެވެ. ޖަލު ބަންދުގައި ހުންނެވި މައުމޫނު އިއްޔެވެސް މައުމޫނު މާލެ ގެނެސް ލޮލުގެ ޑޮކްޓަރަކަށް ދައްކާފައިވާއިރު، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ދަށް ކަމަށް ބުނެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ މައްސަލަ
މި ހަފްތާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ޝަރީއަތަކަށް ވެގެންދިޔައީ 2017 ޖުލައި 24 ވަނަ ދުވަހު 13:30 ހާއިރު ރައްޔިތުންގެ މަޖިލީހުގެ ވަށައިގެންވާ ސަރަހައްދު ފުލުހުން ބަންދުކޮށް އެސަރަހައްދަށް ވަނުން މަނާކޮށްފައިވަނިކޮށް، މަޖުލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަތް މައްސަލައިގައި ދައުލަތުން އެ 12 މެންބަރުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
އިއްޔެ 10:00 ގައި 12 މެންބަރުން އެކުގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، 12 މެމްބަރުންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވައި ދައުވާއާއި ބެހޭގޮތުން ސާފު ނުވާ ކަންކަމާއި މެދު ވާހަކަ ދެއްކުމަށް ދައުލަތާއި މެންބަރުންނަށް ފުރުސަތު އަރުވާފައިވެއެވެ. ދައުލަތުން ޝަރީއަތަށް ދިން ދައުވާ ފޯމާއި ވަކީލުންނަށް ދިން ދައުވާ ފޯމު އެއްގޮތް ނޫންކަން ހާމަވިއިރު، ދިފާއުން ބުނީ ދައުލަތުން ޝަރީއަތަށް ހުށަހެޅި ދައުވާ ފޯމުގައި އޮތް ބައެއް ބައިތައް ވަކީލުންނަށް ހުށަހެޅި ދައުވާ ފޯމުގައި ހިމެނިފައި ނުވާ ކަމެވެ.
މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި މެމްބަރުވަހީދު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައި ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގައިވާ ކަންތައްތަކެއް ފާހަގަ ކުރައްވަވައި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަން ފާހަގަ ކުރައްވައި، މި މައްސަލަ ބާތިލު ކުރުމަށް އެދިވަޑައިގެންނެވިއެވެ.
ދިފާއުން ފާހަގަކުރެއްވި ކަންތައްތަކަށް 2018 މެއި 22 ގައި ދައުލަތުން ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަށްފަހު، މިމަހުގެ 24 ވަނަ ދުވަހު މި މައްސަލަ ކުރިއަށް ގެންދިއުމާމެދު މެދުގައި ޝަރީއަތުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވެއެވެ.
ދައުލަތުގެ ވެރިންނާއި ސިޔާސީ ވެރިންގެ ދައުވާތައް
ދައުލަތުގެ ވެރިންނާއި، ސިޔާސީ ފަރާތްތަކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ތެރެއިން މި ހަފްތާގައި ކުރިއަށް ގެންދިޔަ ޝަރީއަތްތަކަށް ނަޒަރު ހިންގާލާއިރު، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުރާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހެޅި ތިން ހުށަހެޅުން ޝަރީއަތުން ބަލައިގަނެ، އެ މައްސަލައިގެ އިބްތިދާއީ މަރުޚަލާ ނިންމައި މަޢުލޫއީ ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މި ހަފްތާގެ އާދިއްތަ ދުވަހުއެވެ.
ޖަލުގައި ނުހިނގާ ކަންތައްތަކެއް ހިނގިކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރި ޓްވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ފަސް ހެއްކާއި އެކު، އިބްތިދާއީ މަރުޚަލާ ނިންމާލައި، މި މައްސަލަވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ.
މި މައްސަލައިގެ އަޑުއެހުންތަކުގައި ގާޒީ ނިނަމަވާފައިވާ ނިންމެވުންތަކާ ހިތްހަމަ ޖެހިވަޑައިނުގަނެ ހުންނަވާ މަޙްލޫފް ޝަރީއަތުގައި ވިދާޅުވެފައިވަނީ، ، މި މައްސަލައިން ދިފާއުވެވަޑައިގަތުމަށް ކުރާނެ އެއްވެސް ކަމެއް، ދައްކާނެ އެއްވެސް ވާހަކައެއް އަދި ހުށަހަޅާނެ އެއްވެސް ހެއްކެއްވެސް ނެތް ކަމަށާއި، ގާޒީ ބޭނުންފުޅުވާ ގޮތަކަށް މައްސަލަ ނިންމައި ހުކުމް އިއްވުން އެދޭ ކަމަށެވެ.
މި ހަފްތާގައި މަޙްލޫފްގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދިޔަ އަނެއް މައްސަލައަކީ ކ.މާފުށީގައި ހުންނަ ޕްރިޒަން ސަރވިސަސްގެ މާފުށީ ޖަލުގެ ކުރިމަތީގައި އިތުރު ބަޔަކާއެކު މުޒާހަރާ ކޮށްގެނއޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ޢަމަލެއް ކުރަން އުޅުމުގެ ދައުވާއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ ނުކުރެވޭނެކަމަށް ބުނެ މަޙްލޫފުގެ ދިފާއީ ވަކީލުން ކްރިމިނަލް ކޯޓަށް 10 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ދައުލަތުންވެސް 3 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. ކުރިއަށް އޮތް އަޑުއެހުންތަކުގައި މި ކަންކަމާ މެދު ބަހުސްކޮށް ޝަރީއަތުން ގޮތެއް ނިމިގެންދާނެއެވެ.
މިމަހުގެ 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފު މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި، މި ކުށް އޭނާގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން 31 ހެއްކެއް ހުށަހަޅައިފިއެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަރީފް ޖަލު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ.
މި ހަފްތާގައި ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ކުރާ ނިރުބަވެރިކަމުގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ގެންގޮސްފައިވާއިރު، ކްރިމިނަލް ކޯޓަށް އޮޅިގެން ފާރިސްގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އަޑުއެހުމެއްވެސް ކޯޓު ތާވަލުގައި ހިމަނައި އާއްމު ކުރެވިފައިވެއެވެ. ނަމަވެސް ކޯޓުން އެ ކުއް އިސްލާހުކޮށް ފަހުން ޝެޑިއުލް އާއްމުކޮށްފައިވެއެވެ.
އެހެނިހެން މައްސަލަތައް
މި ހަފްތާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ފާހަގަކޮށްލެވޭ އެހެނިހެން ހާދިސާތަކުގެ ޝަރީއަތްތަކުގެ ތެރޭގައި، އ.އިހަވަންދޫ އައިސްޕްލާންޓްގެ މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 54 އަހަރުގެ އިސްމާއިލް އުމަރު (އިއްސެ)، 2017 ޖޫން 16 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލިކަމަށްބުނެ ދައުލަތުން ދައުވާކުރާ ބަންގްލްދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާ އާއި ދެކޮޅަށް ދައުލަތުން ކުރާ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ފާހަގަކޮށްލެވެއެވެ.
އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ޝަރީއަތުގައި ސުމޮން މިއާ އާއި ދެކޮޅަށް ތިން މީހަކު ހެކިބަސްދީފައިވާއިރު، އޭގެ ތެރެއިން ހއ.އިހަވަންދޫ ހުސްކުރީގެ އިބްރާހިމް އަޙްމަދުގެ ހެކިބަސް ދެމުން ބުނެފައިވަނީ 2017 ޖޫން 16 ވަނަ ދުވަހުގެ ހެނދުނު 07:10 އާއި 07:20 ދެމެދުގެ ވަގުތެއްގައި ކަނާތު އަތުގައި ބަންގްލޭޝް މަސައްކަތްތެރިން ގެންގުޅޭ ކަހަލަ މުންޑު ފޮތިގަނޑެއް އައްސާފައި އޮތް މީހަކު (ސުމޮން މިއާ) އިހަވަންދޫ ބަންދަރުގެ ހުޅަނގު ކޮޅުން ޖެޓީ މަތިން ހިނގާފައި އައިސް، ބަނދަރަށް ކައިރިކުރި ހއ.ހޯރަފުށީ ލޯންޗަކަށް ފުންމާލި މަންޒަރު ފެނުނު ކަމަށެވެ.
މި މައްސަލައިގައި ހެކިބަސް ދެމުން ޢަބްދުﷲ ހުސައިން ބުނީ، 2017 ޖޫން 16 ވަނަ ދުވަހުގެ ފަތިހު 03:30 އާއި 04:00 އާ ދެމެދުގެ ވަގުތެއްގައި އިއްސެ މަރާލާފައި އޮތް އައިސް ޕްލާންޓުގެ ކުރިމަތީގައި ސުމޮން މިއާ އާއި އިތުރު ބިދޭސީއަކު (ކާކުކަން ނޭނގޭ) ވާހަކަ ދައްކަން ހުއްޓާ ވަރަށް ކައިރިން ފެނުނުކަމަށެވެ.
މީގެ އިތުރުން މި ހަފްތާގެ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި، ގަދަކަމުން ރިލްވާން އަރުވައިގެން ގެންދިޔަކަމަށް ދައުލަތުން ތުހުމަތު ކުރާ ރަތް ކާރުން، ރިލްވާނުގެ މަންމަގެ ޑީއެންއޭ ފެނުނު އިސްތަށީގެ ޑީއެންއޭ ރިޕޯޓުގެ ޞައްޙަކަން ޝަރީއަތަށް ކަށަވަރު ކޮށްދިނުމަށްޓަކައި، އެ އިސްތަށީގެ "ޗެއިން އޮފް ކަސްޓަޑީ" ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ހާމަވެފައިވާއިރު، އެ ޑީއެންއޭ އަކީ ސީދާ ރިލްވާނުގެ ޑީއެންއޭކަންވެސް ކަށަވަރެއް ނުވެއެވެ. މީގެ އިތުރުން ޑީއެންއޭ ރިޕޯޓުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށް ދައުލަތުން ކޯޓަށް ހާޒިރު ކުރީ މި މައްސަލައިގައި އިސްތަށީގެ އަސްލު ޑީއެންއޭ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުން ޑީއެންއޭ ރިޕޯޓު ތައްޔާރުކުރި ފަރާތެއްވެސް ނޫނެވެ. މި މައްސަލަ މި ހިނގާ މެއި މަހުގެ ތެރޭގައި ނިންމުމަށް ކްރިމިނަލް ކޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހަފްތާގައި ހިންގާފައިވާ ޝަރީއަތްތަކުގެ އިތުރުން ޝަރުއީ ދާއިރާއަށް ބަލާއިރު، ކްރިމިނަލް ކޯޓުގައި ބަލައި ނިންމާފައިވާ މައްސަލައަކާ ގުޅިގެން މީޑިއާއަށް ހާމަކޮށްފައިވާ ބަޔާނެއްގެ މައްސަލައާއި ގުޅިގެން، ގާނޫނީ ވަކީލް ހިސާން ހުސައިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވީ ނަމަވެސް ހިސާން އާމެދު ފިޔަވަޅެއް އެޅިގެން މީޑިއާއަށް ތިލަވެފައެއް ނުވެއެވެ. ނަމަވެސް އަޙްމަދު މޙްލޫފުގެ މައްސަލައަކާ ގުޅިގެން މީޑިއާގައި ދެއްކި ވާހަކައަކާ ގުޅިގެން މަޝްހޫރު ޤާނޫނީ ވަކީލް ނަޡިމް އަބްދުއްސައްތާރު ވަނީ ހިނގަމުންދާ އެ މައްސަލައިގައި ދެން ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.
ފެށިގެންދިޔަ ބަރަކާތްތެރި ރަމަޟާން މަހަށް ފަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ދެން ކްރިމިނަލް ކޯޓުގައި ޝަރީއަތްތަށް ފެށުމަށް ހަމަޖެހިފައިވަނީ 2018 މެއި 20 ވާ އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހު އަޙްމަދު މަޙްލޫފުގެ މައްޗަށް ދައުލަތުންކުރާ ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ތާވަލު ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ