ޖާބިރު ހޮނޑައިދޫން ހައްޔަރުކުރުމުން ބަދަލުގެ ގޮތުގައި 77.1 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފި

ހދ. ހޮނޑައިދޫން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން އޭނާ އަށާއި އޭނާގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 77.1 މިލިއަން ރުފިޔާ ހޯދުމަށް ފުލުހުންގެ މައްޗަށް ޖާބިރު ދައުވާ ކުރައްވައިފި އެވެ.
ސިވިލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ދެ ވަނަ އަޑުއެހުމުގައި ޖާބިރު ކުރެއްވި ދައުވާ އަށް ޖަވާބުދާރީ ވަމުން ބަންޑާރަ ނާއިބް އޮފީހުގެ ވަކީލު މޫސާ އާލިމް ވިދާޅުވީ ޖާބިރު ހުށަހެޅުއްވި އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.
ދައުލަތުގެ ވަކީލު އާލިމް ވިދާޅުވީ ގާނޫނާ ޚިލަފަށް ހައްޔަރުކޮށްފި ކަމަށް ދެކެވަޑައިގަންނަވާ ނަމަ އެ މައްސަލަ ހުށަހަޅަންޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ ޝަރީއަތުގައި އެދިފަ އެވެ.
ދައުލަތުން ނެގި އިޖުރާއީ ނުކުތާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ޖާބިރުގެ ގާނޫނީ ވަކީލު އަދި އޭނާގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ އެ އިޖުރާއީ ނުކުތާއަށް ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ބޭނުންވާ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުލަތުން ނެގި އިޖުރާއީ ނުކުތާ އަށް ޖަވާބުދާރީވާން ޖާބިރުގެ ވަކީލަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.
ޖާބިރުއާއި އިތުރު ބަޔަކު ހޮނޑައިދޫގައި ތިއްބައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބުއިކަމުގެ ތުހުމަތުގަ އެވެ.
ޖާބިރުގެ އިތުރުން ހޮނޑައިދޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އާއި ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ، ރީފްސައިޑް ޖާދުﷲ ޖަމީލް އާއި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ ހ. ހުޅުގަލި އިބްރާހިމް ހުސައިން ޒަކީ އާއި އޭނާގެ ދަރިކަލުން ގ. ހިލިހިލާގެ ހަމްދާން ޒަކީ އާއި ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ އެވެ.
އެ މީހުން ހައްޔަރު ކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޭސްފަރުވާ ކުރެއްވުމަށް ކަމަށް ވިދާޅުވެ، އިބްރާހީމް ހުސައިން ޒަކީ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އެހެންވުމުގެ ސަބަބުން އޭނާގެ ތަހުގީގު ފުރިހަމަކުރެވޭގޮތެއް ނުވި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ޒަކީ ފިޔަވައި އެ މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރިއިރު އިތުރު ބައެއް ކަންތައް ފުލުހުންގެ ފަރާތުން ސާފުކުރަން ޖެހޭ ކަމަށް ފެންނާތީ އެ މައުލޫމާތު ހުށަހަޅައިދިނުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ފުލުހުންގެ ފަރާތުން އެކަންކަން އެ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ