ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. ދީދީގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެކަމަކު ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރާއި ގާނޫނީ ދާއިރާގައި އުޅުއްވާ މުހައްމަދު ފަރީދުގެ ނަމުގައި ބުދަ ދުވަހު ހުށަހެޅުއްވި ދައުވާ މިހާތަނަށް ހައި ކޯޓުން ބަލައިގެންފައެއްނުވެ އެވެ.
އަނަސް ވިދާޅުވީ ދައުވާ ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ވަކާލާތުކުރުމުގައި ނުވަތަ ފަނޑިޔާރަކަށް ހުންނަވައިގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ޑރ. ދީދީގެ އެ ޝަރުތު ފުރިހަމަނުވާ ކަމަށް އަނަސް ވިދާޅުވި އެވެ.
"ޑރ. ދީދީގެ ހަތް އަހަރުގެ ތަޖުރިބާއެއް ނެތް. ޑރ. ދީދީ ބަންޑާރަ ނައިބުގެ ނައިބަކަށް ހުންނެވީ ތިން މަހާއި ދުވަސްކޮޅެއް ވަންދެން. ދެން އުޅުއްވީ މަޖިލީހުގެ ކައުންސެލް ޖެނެރަލެއްގެ މަގާމުގައި. އެއީ ސާޅީހަކަށް ދުވަސް ވަންދެން. އެހެންވެ ޝަރުތު ފުރިހަމަނުވާ ކަމަށް އަޅުގަނޑުމެން ދެކެނީ،" އަނަސް ވިދާޅުވި އެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މަދަނީ ކޯޓަށެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގެން، މަދަނީ ކޯޓުން ބުނެފައިވަނީ އެއީ އެ ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށެވެ.
ފަނޑިޔާރުންނާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނީ ފަނޑިޔާރެއްގެ ތަޖުރިބާކަމަށް ބެލެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ވަކާލާތުކުރުމުގައި ހޭދަކޮށްފައިވާ ދުވަސްތައް ކަމަށެވެ. އެ މާއްދާގެ އެއް ވަނަ ނަންބަރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށެވެ.
އެކަމަކު ރައްޔިތުންގެ މަޖިލިހުން ނިންމާ ކަމެއްގެ ސައްހަކަން ބަލަން އެއްވެސް ކޯޓަކަށް ދިއުމުގެ ފުރުސަތެއް ގާނޫނު އަސާސީއަކުން ނުދެ އެވެ. ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ "މި ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ