އެއާ ޓެކްސީގެ ކްރޫންގެ ހަޅުތާލު: ކޮއްތު ފައިސާ ބޮޑުކޮށްދިނުމުން ކްރޫން އަލުން މަސައްކަތަށް ނުކުންނަން ފަށައިފި

ކޮއްތު ފައިސާ ބޮޑުނުކޮށްގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން ހަޅުތާލުކުރި މޯލްޑިވިއަން އެއާ ޓެކްސީގެ ކެބިން ކްރޫންނަށް ދޭ ކޮއްތު ފައިސާ 35ރ. އަށް ބޮޑުކޮށްދިނުމުން އެ މީހުން މިއަދު އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.
އެއާ ޓެކްސީން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދު މެންދުރު 00: 1 އިން ފެށިގެން ކުރިއެކޭ އެއްގޮތަށް އެ ކުންފުނިން ހިދުމަތް ލިބެމުންދާނެ ކަމަށާއި ކްރޫންނާއި މެނޭޖްމަންޓާ ދެމެދު އެއްބަސްވުމަށް އާދެވިފައިވާ ކަމަށެވެ. ދެ ދުވަހުގެ ހަޅުތާލަކަށް ފަހު އެއްބަސްވުމަކަށް މި އައީ ރޭ ދަންވަރު ދޭއްޖަހަން އުޅެނިކޮށެވެ.
ކޮއްތު ފައިސާ އަށް 20ރ. ދޭތީ، 50ރ. އަށް ބޮޑުކޮށްދިނުމަށް އެދި ފާއިތުވި ދެ ދުވަހު މަސައްކަތް ހުއްޓާލައި ހަޅުތާލުކުރި އެއާ ޓެކްސީގެ 34 ކްރޫންގެ ފަރާތުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ މީހުން އަލުން މަސައްކަތަށް މި ނުކުތީ، ވަޒީފާއިން ކަނޑާލުމުން ލިބޭ ގެއްލުމަށްޓަކައި ވަރަށް ބޮޑަށް ވިސްނައިފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ވަރަށް އާ ކުދިން ވެސް. މި މައްސަލައިގައި މެނޭޖްމަންޓާއެކު ވާހަކަ ދައްކަމުން ގޮސް އެއްވެސް ހައްލެއް ނުލިބުމުން އެމީހުން ނިންމީ އަޅުގަނޑުމެން ވަޒީފާއިން ވަކިކުރަން. އެގޮތުން އަޅުގަނޑުމެން އަމިއްލައަށް ވަޒީފާއިން ކެނޑުނު ކަމަށް ލިޔެފައި އޮތް ލެޓާއެއްގައި މެނޭޖުމަންޓުން އިއްޔެ އުޅުނީ ސޮއިކުރުވަން. އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާފައި ނިންމީ ކޮއްތު އެލަވަންސަށް އެންމެ 2ރ. ބޮޑުވިޔަސް، އަލުން މަސައްކަތަށް ނުކުތުމަށް. ސަބަބަކީ އަޅުގަނޑުމެން ވަޒީފާއިން ކެނޑިއްޖެ ނަމަ އެތައް އާއިލާއަކަށް ގެއްލުންވާނެތީ އާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ގެއްލުންވާނެތީ. އަޅުގަނޑުމެންގެ އާއިލާ އަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށްޓަކައި އަލުން މަސައްކަތަށް ނުކުތުމަށް ނިންމީ،" ކްރޫންގެ ފަރާތުން ވާހަކަ ދެއްކި މިހާ ބުންޏެވެ.
އޭނާ ބުނީ ކްރޫންގެ ކޮއްތު ފައިސާ ބޮޑުކޮށްދީފައި ވަނީ ކްރޫން ބޭނުންވި މިންވަރަކަށް ނޫން ކަމަށެވެ. ކްރޫން ބޭނުންވީ ކޮއްތު ފައިސާގެ ގޮތުގައި ކުރިން ދެމުންދިޔަ 20ރ. ގެ ބަދަލުގައި 50ރ. ދިނުމަށެވެ.
"އެހެން ނަމަވެސް ރޭ ވަރަށް ދަންވަންދެން މެނޭޖްމަންޓާ ވާހަކަ ދައްކައިގެން އެ މީހުން ބުނީ ބޮޑުކޮށްދެވޭނީ 15ރ. އޭ. އެކަމަކު އެ އަދަދު ވެސް އެންމެ ރަނގަޅު ކަމަށް ނިންމީ. މި ނޫން ގޮތެއް ނެތީ. ކޮއްތު އެލަވަންސަށް ޖުމުލަ 35ރ. ވެސް މައްސަލައެއް ނެތް ދެން. ކުންފުނީގެ އެހެން މުވައްޒަފުންގެ މުސާރަ މިދިޔަ މަހު ބޮޑުވިއިރު ވެސް އަޅުގަނޑުމެންގެ މުސާރަ ބޮޑެއްނުވޭ. ކްރޫންގެ މުސާރަ ބޮޑު ނުވާތާ މިހާރު ފަސް އަހަރު ވެދާނެ،" ކްރޫންގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.
އެއާ ޓެކްސީގެ ކެބިން ކްރޫން ކޮއްތު ފައިސާ ބޮޑުނުކޮށްގެން އެ މީހުން ކުރި މި ހަޅުތާލާ ގުޅިގެން، ކްރޫން ވަޒީފާއިން ވަކި ކުރުމަށް މެނޭޖްމަންޓުން މަސައްކަތްކުރާތީ އެ ތަނުގެ ހުރިހާ ދިވެހި މުވައްޒަފުން އިއްޔެ ހަވީރު ވަނީ މަސައްކަތް ހުއްޓާލައި މާލެ ވެސް އައިސްފަ އެވެ. ނަމަވެސް ކްރޫންނާއި މެނޭޖްމަންޓާ ދެމެދު ވަކި ގޮތަކަށް އެއްބަސްވުމުން ދިވެހި މުވައްޒަފުން ވަނީ މިއަދު އަލުން މަސައްކަތަށް ނުކުމެފަ އެވެ. އެއާ ޓެކްސީގައި ގާތްގަނޑަކަށް 160 ދިވެހިން މަސައްކަތްކުރާ ކަމަށް ވެ އެވެ.
އެއާ ޓެކްސީގެ ބައެއް މުވައްޒަފުން ބުނާ ގޮތުގައި އެތަނުގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީންނާ މެނޭޖުމަންޓުން ދަނީ ވަރަށް ބޮޑަށް ތަފާތުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ