ރަށް ސާފުކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިން މަސައްކަތް ނުކުރާ ކަމަށް ބުނެ މީދޫ ރައްޔިތުން ޝަކުވާކުރަން ފަށައިފި

ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ރަށްރަށް ސާފުކުރުމަށް ހިންގަމުންދާ ޕްރޮގްރާމްގެ ދަށުން ސ. މީދޫގައި އެރަށް ސާފު ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިން މަސައްކަތެއް ނުކުރާ ކަމަށް ބުނެ ރަށުގެ ރައްޔިތުންގެ ޝަކުވާ ކުރަން ފަށައިފި އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި އެރަށު މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި މިއަދު ބުނީ އެރަށު ޝަޒުމް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މިމަސައްކަތުގެ ދަށުން ރަށުތެރެ ސާފު ކުރުމަށް އެކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެހެންނަމަވެސް ބަރާބަރަށް އެކުންފުންޏަށް ފައިސާ ލިބެމުން ދާ ކަމަށެވެ.
"އެމީހުންނާ މިއޮންނަނީ ރަށް ސާފު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި. އެހެންނަމަވެސް އެމީހުން އެކަށީގެންވާ ގޮތަކަށް މަސައްކަތެއް ކުރިއަކަށް ނުގެންދޭ. އަދި ހަމައެކަނި ސާފު ކުރިއަސް މިކުރަނީ ރަށުގެ ބަނދަރާ ދިމާލު އެކަނި،" އޭނާ ބުންޏެވެ. "އެކަމަކު ބަރާބަރަށް އެމީހުންނަށް ފައިސާ ލިބޭ. މަސައްކަތް ނުކުރާ ކަމަށް ވަންޏާ އެމީހުންނަށް ފައިސާ ވެސް ލިބިގެން ނުވާނެ. އަނެއްކާ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދޭތޯ ބަލާނެ ބަޔަކު ވެސް ނެތް."
މަހަކު ތޭރަހާހަށް ވުރެ ގިނަ ފައިސާ ދީގެން ހަވާލުކޮށްފައިވާ މަސައްކަތާ ބެހޭ ގޮތުން ޝަޒުމް އިންވެސްޓްމަންޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާތިރު މިއަދު ވިދާޅުވީ ރަށް ސާފު ކުރުމުގެ މަސައްކަތް ނުކުރެވި ދިޔައީ މުވައްޒަފުންގެ ދަތިކަން ކުރިމަތިވެގެން ކަމަށެވެ. އެހެންނަމަވެސް މާދަމާ އިން ފެށިގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ފާއިތުވި ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވި ދިޔައީ މުވައްޒަފުންގެ ތާށިކަން ކުރިމަތިވެގެން. އެކަން އަޅުގަނޑުމެން ވާނީ ކަމާ ބެހޭ ފަރާތްތަކަށް ވެސް ދަންނަވާފައި. އެހެންނަމަވެސް މިހާރު އެކަން ވެސް ހައްލުވެއްޖެ،" ޝާތިރު ވިދާޅުވި އެވެ. "މާދަމާ އިން ފެށިގެން ރަށުގެ ހުރިހާ ސަރަހެއްދެއް ވެސް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ. ސާފު ކުރުމުގެ މަސައްކަތް ނުކުރެވި ދިއުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ޝަކުވާ ވެސް އައިސްފައި ވަނީ."
އޭނާ އިތުރަށް ވިދާޅުވީ މުވައްޒަފުންގެ ތާށިކަން ކުރިމަތިވީ އެކުންފުނިން ރަށުގެ ތޮށިލުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށާއި މީގެއިތުރުން ބައެއް މުވައްޒަފުން ބަލިވުމާ ވެސް ގުޅިގެން ކަމަށެވެ.
"މަސައްކަތް ނުކުރެވި ދިޔަ ދުވަސްތަކަށް އަޅުގަނޑުމެން ފައިސާއެއް ވެސް ނުނަގާނަން. އަޅުގަނޑުމެން ބޭނުމެއް ނޫން މަސައްކަތް ނުކޮށް ފައިސާ ނަގާކަށެއް،" ޝާތިރު ވިދާޅުވި އެވެ.
އާބާދީގައި ދެހާހަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މީދު އަކީ ބޮޑު މިނުގައި 214.50 ހެކްޓަރު ހުންނަ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ