ގާނޫނުތަކަށް ބޯލަނބައި އަބްދުﷲ ގާޒީ މިނިވަންކުރުމަށް ރައީސް ނަޝީދަށް ޕީޕީއެމުން ގޮވާލައިފި

ރާއްޖޭގެ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިނިވަންކުރުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ޕީޕީއެމުން ގޮވާލައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު ދުންޔާ މައުމޫން ވިދާޅުވީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ރާއްޖެ އަށް ހޯދާފައިވާ ޑިމޮކްރަސީ ފުނޑުފުނޑުކޮށްލައި، ސަރުކާރާއި ސަލާމަތީ ބާރުތަކުން ގާނޫނުތަކަށް ކިޔަމަން ނުވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ. ރާއްޖޭގައި އިތުރު ހަމަނުޖެހުންތަކެއް އުފެދޭ މަންޒަރު ބަލަން ބޭނުން ނުވާ ކަމަށާއި އެކަން ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ބުނިގޮތުގައި ގާނޫނުތަކާ ދެކޮޅަށް، ސަރުކާރާއި ފުލުހުން އަދި ގައުމީ ދިފާއީ ބާރުތަކުން ހިންގާ ޖަރީމާއަކީ ރާއްޖޭގައި އޮތް މިނިވަން ޖުޑިޝަރީ އަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ފިނޑިއަމަލެކެވެ. އެ އަމަލުތައް ހުއްޓާލައި ގާނޫނީ އިމުގެ ތެރޭގައި ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ޕީޕީއެމުން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
ދުންޔާ ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް ސަރުކާރުން ރޭ ހިންގާފައިވާ ކަންތައްތަކާއި އެހެން ވެސް މައްސަލަތަކުގެ ހަބަރުތައް ބައިނަލްއަގުވާމީ މުޖުތަމައަށް އެ ޕާޓީން އަންނަނީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ ހާލަތު އޮތް މިންވަރުން ބޭރުގެ އެކި ގައުމުތަކުން ވެސް ކަންބޮޑުވުންފާޅުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭ ޑިމޮކްރެޓިކް އެއްވެސް އުސޫލެއް ނުވަތަ ނިޒާމެއްގެ ތެރޭގައި ކަމަށް ރައީސް ނަޝީދުގެ އަމަލުތައް މިހާރު ހުރީ. އެހެންވެ ހުރިހާ ފަރާތްތަކުން ގެންދަނީ އެކަން ކުށްވެރިކުރަމުން،" ދުންޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ