ވަޒަނެއް ހޮވައި އެ ވަޒަން ގެންގުޅުނު މީހެއްގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް އަމުރުކުރީ ރ. އަލިފުށީ ފެހިގޭ އަހުމަދު އަފްލާހު ކ. ކުޑަވިލިނގިލިން ބްލޭންކް ވަޒަނެއް ހޮވައި ގެންގުޅުނު ކަމަށް ބުނާ މައްސަލައިގަ އެވެ. އޭނާގެ މައްޗަށް، ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ޖިނާއީ ކޯޓުގައި އުފުލުމުން އެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅުމުން ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އަފްލާހު އަތުން ފެނުނު ވަޒަނަކީ ކ. ކުޑަވިލިނގިލިން ހޮވި އެއްޗެއް ކަމަށް އޭނާ ބުނި ކަމުގައި ވިޔަސް އެމްއެންޑީއެފްގެ ތަމްރީންތައް އެ ރަށުގައި ހިންގުމަށްފަހު ވަޒަންތައް ހަމައަށް އަނބުރާ ގެނައި ކަމަށާއި އަފްހާލުގެ އަތުން ފެނުނު ބާވަތުގެ ވަޒަނެއް ސިފައިންގެ ބޭނުމަށް މިހާތަނަށް ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށް އެމްއެންޑީއެފްގެ ލެފްޓިނެންޓް އިސްމާއިލް ވަހީދު ޖިނާއީ ކޯޓުގެ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އަދި ހަމައެހެންމެ އަފްލާހްގެ އަތުން ފެނުނު ވަޒަނަކީ ލައިވް ވަޒަނެއް ކަމަށާއި ކ. ކުޑަވިލިނގިއްޔަކީ އެމްއެންޑީއެފުން ލައިވް ވަޒަން ބޭނުންކުރުމަށް ކަނޑައަޅާފައި އޮންނަ ރޭންޖެއް ނޫން ކަމަށް ވާތީ އަފްލާހުގެ އަތުން ފެނުނު ވަޒަން އެ ރަށުގައި ގެންގުޅެވިފައި އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އިސްމާއިލް ވަހީދު ބުނެފައިވާ ކަމަށް ވެސް ހުކުމުގައި ވެއެވެ.
މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ އިރު އެ ވަޒަނަކީ ލައިވް އެއްޗަކަށް ވިޔަސް ނުވަތަ ބްލޭންކް އެއްޗަކަށް ވިޔަސް އެ އެއްޗަކީ ވަޒަނެއްކަން އެނގިހުރެ އެފަދަ އެއްޗެއް އަތުގައި ބެހެއްޓި މީހަކު ކުށުން ބަރީއަނުވެވޭނެ ކަމަށް ހުކުމުގައި ވެ އެވެ.
އެހެން ކަމުން މި މައްސަލައިގައި ޖިނާއީ ކޯޓުގެ ހުކުމް ބާތިލްކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފިނަމަ އެ މައްސަލަ އަކީ އަލުން ބައްލައި ފައިސަލާކުރުވަނިވި ހުކުމެއް ކުރަންޖެހޭ މައްސަލައެއް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
ޖިނާއީ ކޯޓުން މި މައްސަލައިގަ ކުރިން އިއްވާފައިވާ ހުކުމުގައި ވަނީ އަފްލާހް އޭނާގެ އަތުގައި އޭތި ބޭއްވީ ހަނގުރާމަވެރި ހަތިޔާރެއްކަން ނޭނގި ކަމަށް ބުނެފައިވާ ކަމަށާއި އޭތި ބޭއްވީ ފަށުފުލުގައި ލާން ނުވަތަ ތަޅުދަނޑި ފުލުގައި ލާން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި ހަމަ އެ ސިފައިގައި ހުންނަ ތަކެތި ފަށުފުލުގައި ލެވޭގޮތަށް ބާޒާރުގައި ހުންނަ ކަމަށާއި ދައުލަތުގެ ދައުވާގައި އެއީ ބްލޭންކް ވަޒަނެއް ކަމަށް ބުނެފައި އޮއްވާ އެއީ ލައިވް ވަޒަނެއް ކަން އެނގުނީ ސިފައިންގެ ހަތިޔާރާ ބެހޭ މާހިރަކު ޝަރީއަތުގައި ބުނުމުން ކަމަށް ހުކުމުގައި ވެ އެވެ. އެހެން ކަމުން އަފްލާހް އެ ވަޒަން އަތުގައި ބޭއްވީ ހަނގުރާމަވެރި ހަތިޔާރެއްކަން އެނގޭ ހާލުގައި ކަމާ ދޭތެރޭ ޝައްކު އުފެދިފައިވުމުން ކުށް ސާބިތު ނުވާ ކަމަށް ޖިނާއީ ކޯޓުގެ ހުކުމުގައި ވެ އެވެ.
މި މައްސަލައިގައި އަފްލާހު ފުލުހުންގެ ތަހްގީގަށް ދީފައިވާ ބަޔާނުގައި 27 މާޗް 2008 ދުވަހުގެ ރޭ އޭނާ އަތުން ފެނުނު ވަޒަނަކީ އޭގެ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ކުރިން އޭނާ ކ. ކުޑަވިގިއްޔަށް ރައްޓެހިންނާ އެކު ދަތުރު ގޮސް އުޅެނިކޮށް އެ ރަށުގައި ހުންނަ އިންޖީނުގެ ކައިރިން ހޮވި އެއްޗެއް ކަމަށާއި އެ ފެނުނު ވާހަކަ އެއްވެސް މީހެއްގެ ކައިރިގައި ބުނެފައިނުވާނެ ކަމަށާއި އޭގެ ފަހުން އެއްވެސް މީހަކަށް އޭތި ދައްކާފައި ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އަފްލާހް އަތުން އެ ވަޒަން ފެނިފައިވަނީ 27 މާޗް 2008 ވަނަ ދުވަހުގެ ރޭ އޭނާ ފުރަން ދިއުމުން އެއާޕޯޓް ސެކިއުރިޓީން ޗެކް ކުރުމުގެ ތެރޭގަ އެވެ.
މި މައްސަލަ ހައި ކޯޓުން ބައްލަވާފައި ވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައްބާސް ޝަރީފްގެ އަދި ފަނޑިޔާރު އަލީ ސަމީރެވެ.
ވަޒަނެއް ގެންގުޅުނު މީހެއްގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ