ކެބިނެޓްގެ ތިން މަގާމަކަށް ބޭފުޅުން ހަމަޖެއްސެވުމަށް މަޖިލީހަށް ފޮނުވައިފި

މިނިސްޓަ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން ކަމުންގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކުރައްވައި އެ މަގާމަށް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މަހުމޫދު ރާޒީ، ހޯމް މިނިސްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު އަދި އެޓާނީ ޖެނެރަލް ކަމަށް ހުސްނުއް ސުއޫދު ހަމަޖެއްސުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އާންމު އިންތިހާބަށް ފަހު ކެބިނެޓަށް މި ގެންނަ ބަދަލުތަކުގެ ތެރެއިން، ދިވެހި ގައުމީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. ޖަމީލް ކޮމިއުނިކޭޝަން މިނިސްޓަރު ކަމުން ވަކި ކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ނުބުނެ އެވެ. އެހެން ނަމަވެސް ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރު ވިދާޅުވީ ޑރ. ޖަމީލް މަގާމުން ވަކި ކުރެއްވީ އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖެއްސެވުމަށް ކަމަށެވެ.
ގައުމީ ޕާޓީގެ އެއް މުއައްސިސް ޑރ. ޖަމީލް ވަޒީރުކަމުން ވަކި ކުރެއްވިއިރު އޭނާ އަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޅުގައި ފާޑު ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ހާއްސަކޮށް މިދިޔަ އާންމު އިންތިހާބުގެ ކެމްޕޭން ތެރޭގައި ޑރ. ޖަމީލް ވަނީ އެކި ތަންތަނުގައި ބަހުގެ ހޫނު ހަމަލަތަކެއް ސަރުކާރަށް ދެއްވައިފަ އެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ޑރ. ޖަމީލް ވަކި ކުރެއްވުމުން ގައުމީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރެއްގެ ގޮތުގައި ހަމައެކަނި ހުންނެވީ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދެވެ. މީގެ ކުރިން ގައުމީ ޕާޓީގެ އަނެއް މުއައްސިސް ޑރ. ހަސަން ސައީދު ވެސް ވަނީ އަމިއްލައަށް ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު ކަމުން ވަކިވެ ވަޑައިގެންފަ އެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވެސް އަމިއްލައަށް ސަރުކާރުން އިސްތިއުފާ ދެއްވިއިރު ހަމަ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެޓާނީ ޖެނެރަލް ފާތުމަތު ދިޔާނާ ސައީދު ވެސް ވަނީ މި މަހުގެ 18 ގައި ސަރުކާރުން ވަކި ކުރައްވައިފަ އެވެ.
ހޯމް މިނިސްޓަރުކަމަށް ހަމަޖެއްސެވުމަށް މަޖިލީހަށް ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝިހާބަކީ ވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުގެ ގޮތުގައި ހުންނެވި ގާނޫނީ ވަކީލު ސުއޫދަކީ މިވަގުތު އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެކަމަކު ކުރިން އޭނާ ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.
41: 14
ހޯމް މިނިސްޓަރު ކަމަށް މުހައްމަދު ޝިހާބު، އެޓާނީ ޖެނެރަލްގެ މަގާމަށް ހުސްނުއް ސުއޫދު އަދި ކޮމިއުނިކޭޝަން މިނިސްޓަރު ކަމަށް މަހްމޫދު ރާޒީގެ ނަން މަޖިލީހަށް ފޮނުއްވައިފި އެވެ.
30: 14
ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު މިނިސްޓަރުކަމުން ވަކިކުރައްވައިފި އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ