އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސް ކެމްޕޭން: އެއް ކެންޑިޑޭޓަކު ނެރޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނެތް: އަންނި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރޭނެ އުސޫލެއް އަދި އިންތިޒާމެއް ވެސް ނިންމައިފައި ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވަމުން އަންނަ މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ކެމްޕޭން ކުރެއްވުމަށް ފޭދޫގައި ރޭ ހުޅުވި ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަންނި ވިދާޅުވީ "އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރޭނީ ކޮން އިންތިޒާމެއްގެ ދަށުންތޯ އެއީ އަޅުގަނޑުމެން އަދި މަސައްކަތް ކުރަން ޖެހިފައި އޮތް ދާއިރާއެއް" ކަމަށެވެ.
"އިއްތިހާދުން އަޅުގަނޑުމެންނަށް އަދި ކަނޑައެޅިފައެއް ނެތް އެއް ކެންޑިޑޭޓް ނެރެން ނުވަތަ ކަނޑައަޅަން ކަންތައްތައް ކުރާނީ ކިހިނެއް ކަމެއް،" އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުގައި އަންނި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްތިހާދަށް ކެންޑިޑޭޓަކު ނިންމުމުގައި އެމްޑީޕީން އެކަން ނިންމާއިރު އެކަން ކުރައްވާނީ އެ ޕާޓީގެ ކޮންގްރެސްގެ ލަފަ އާ އެކުގައި ކަމަށެވެ.
ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓް ނެރުމަށް އުފައްދައިފައިވާ ގުޅިފައިވާ އިއްތިހާދުގައި ހިމެނެނީ އެމްޑީޕީ، އަދާލަތު ޕާޓީ، އައިޑީޕީ، އެސްއެލްޕީގެ އިތުރުން ނިއު މޯލްޑިވްސް މޫވްމަންޓެވެ. މީގެތެރެއިން ރިޔާސީ އިންތިހާބަށް ނިއު މޯލްޑިވްސްގެ ފަރާތުން ޑރ. ހަސަން ސައީދާއި އައިޑީޕީގެ ރައީސް އުމަރު ނަސީރު ވަނީ ރައީސް ކަމަށް ކުރިމަތިލައްވައިފަ އެވެ.
ފޭދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަންނި ވިދާޅުވީ މައުމޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އިއްތިހާދަށް ނުފޫޒު ފޯރުވަން ރައީސް މައުމޫން މަސައްކަތް ކުރައްވަފާނެ ކަމަށެވެ. އެހެންނަމަވެސް އެއް ކެންޑިޑޭޓް ނެރެގެން މައުމޫނާ ވާދަކޮށް ބަލިކުރާނެ ކަމަށް ވެސް އަންނި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ