ސަރުކާރުން ބޭނުންވަނީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައި ދެއްވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ސަރުކާރުގެ އާންމު ސިޔާސަތުތައް ހާމަކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ މޭ މަހުގެ ނިޔަލަށް ގާނޫނު އަސާސީ ނިންމައި، ރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ އިންތިހާބެއް މިއަންނަ އަހަރު ބޭއްވުމަށްޓަކައި ކުރަން ޖެހޭ އިންތިޒާމުތައް މަގުޗާޓުގައިވާ ގޮތުގެ މަތިން ކުރައްވަން ބޭނުންވާ ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީއެއް ގާއިމްކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަގުޗާޓުގައި ހިމަނުއްވާފައިވާ ހުރިހާ ކަމެއް ކަނޑައެޅިފައިވާ ތާރީހަށް ހާސިލްކުރެވިފައެއް ނުވެ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ޑްރާފްޓް ކުރާ ކޮމެޓީން މިހާރު މަސައްކަތް ކުރަނީ، އަދުލު އިންސާފާ ބެހޭ ބާބެވެ. އެ ބާބުގައި ހިމެނެނީ 10 ވަރަކަށް މާއްދާ އެވެ. މިހާތަނަށް ޑްރާފްޓިން ކޮމެޓީން ނިމިފައި ވަނީ ދައުލަތް ބަޔާންކުރާ ބާބު އެކަންޏެވެ.
ގާނޫނު އަސާސީ އިސްލާހުކުރުމުގެ ސުންގަނޑި ހަމަވާން ތިން މަސް ދުވަހަށްވީރު، ރާއްޖޭގައި އޮންނަން ފެންނަނީ ކޮންވައްތަރެއްގެ ވެރިކަމެއްތޯ ބެލުމަށް ރައްޔިތުންގެ އާންމު ވޯޓު ނެގުމުގެ ކަންތައް ވެސް އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި ހައްލެއް ނުހޯދި އެވެ.
މަގުޗާޓު އިއުލާނުކުރައްވަމުން މިދިޔަ އަހަރުގެ މާޗު މަހު ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގައި މެޖޯރިޓޯ އެބައޮތް ކަމަށާއި އެހެންކަމުން މަގުޗާޓުގައިވާ ގޮތަށް ކަންކަން ހާސިލްކުރެއްވޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ބުރާސްފަތި ދުވަހު ރައީސް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތަކީ ސަރުކާރުން ކުރިއަށްގެންދާ އިސްލާހީ އެޖެންޑާގެ އެންމެ މުހިއްމު އެބައި ކަމަށާއި އެހެންކަމުން އެ މަސައްކަތް ވީހާ އަވަހަކަށް ނިންމަވައި ދެއްވުމަށް ހާއްސަ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސްގެ މަގުޗާޓުގައި، ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ތާރީހަކީ 30 ޖޫން 2007 އެވެ.
ރިޔާސީ ބަޔާން: ސަރުކާރުން ބޭނުންވަނީ ގާނޫނު އަސާސީ މޭމަހުގެ ނިޔަލަށް އިސްލާހުކޮށް ނިންމަން ކަމަށް ރައީސް އަނެއްކާ ވެސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ