ހުޅުދޫ-މީދޫ ދަނޑުބިން ސަރަހައްދަށް ކަރަންޓް ދޫކުރުމުގެ މަސައްކަތް ފަށައިފި

އައްޑު އަތޮޅުގައި ދަނޑުވެރިކަން އެންމެ ފުޅާކޮށް ކުރަމުން އަންނަ މި އަތޮޅުގެ ހުޅުދޫ-މީދޫ ދަނޑުބިން ސަރަހައްދަށް ކަރަންޓް ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ސްޓެލްކޯގެ ފަރާތުންނެވެ. ދެ ރަށުގެ ދަނޑުވެރިންގެ އެދުމުގެމަތިން ދަނޑުތަކަށް ކަރަންޓް ފޯރުކޮށް ދެއްވާނެ ކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. އިބްރާހީމްދީދީ މި އަތޮޅަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުގައި ވައުދުވެވަޑައިގެންފައިވެ އެވެ.
މީގެއިތުރުން ދަނޑުވެރިންނަށް ދަނޑުތަކަށް ފަސޭހައިން ދެވޭނެ ގޮތެއް ހަމަޖައްސައި ދަނޑުތަކުގައި ފަސޭހަ އިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ދަނޑުވެރިކަން ކުރާ ކަނޑަފިށި ސަރަހައްދުގައި މަގެއް ވެސް ހަދައިފަ އެވެ.
ހުޅުދޫ ކަތީބު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ދަނޑުބިން ސަރަހައްދަށް ކަރަންޓް ދޫކުރުމުގެ މަސައްކަތް ފަށައިފައި ވަނީ އާދީއްތަ ދުވަހު ކަމަށާއި އެމަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދަނޑުބިންތަކުގައި ކަރަންޓް ނެތުމަކީ ވަރަށް ބޮޑަށް ދަނޑުވެރިންނަށް ދަތިވާ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ލިބެން ފެށުމުން ދަނޑުތަކަށް ފެން ދިނުން ފަދަ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ