އަޅުގަނޑު ދުއްވައެއް ނުލެވޭނެ: ގާސިމް

ސަރުކާރުން ވަނީ ގާސިމް ހިއްސާ އޮންނަ ފަސް ރިސޯޓުގައި ހިންގާ ސްޕާތައް ބަންދު ކުރަން އަންގައި ގާސިމްގެ އެއާލައިން "ފްލައި މީ"ގެ ދަތުރުތައް ވެސް ހުއްޓާލުމަށް އަންގައިފަ އެވެ.
ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ ގުޅިގެން، އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް އާޓިފިޝަލް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އޭނާ އަށް ޕްރެޝަރުކޮށްގެން އޭނާ "ދުއްވާލަން" ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައް ނުކުރެވޭނެ ކަމަށާއި އޭނާ އެއްވެސް ވަރަކަށް ޕްރެޝަރަށް ނުވެއްޓޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މި މީހުން ހީކުރަނީ ކަންނޭންގެ އަޅުގަނޑު ޕްރެޝަރަށް ލައިގެން އަޅުގަނޑު ދުއްވާލާނަމޭ. ބަލަ މޮޔަ ތިހަދަނީ. އަޅުގަނޑު ދުއްވައެއް ނުލެވޭނެ. ވަރަށް ބޮޑު މޮޔައެއް ތި ހަދަނީ އިނގޭތޯ. މި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ބަނޑަށް ޖައްސާލަން މިހާރު ތި އުޅެނީ،" ގާސިމް ވިދާޅުވި އެވެ. "މިރޭ ވެސް ހަމަ މިތަނުން ގޮސް ހަމަ ރީތިކޮށް އަރާމުކޮށް ނިދާލާނަން އިނގޭތޯ."
ގާސިމް ވިދާޅުވީ މި ވަގުތު ރާއްޖެ އޮތީ ބޭންކްރަޕްޓްވެފައި ކަމަށް ނުބުނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި ވެސް ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީ ހަލާކުކޮށްލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަދި އަޅުގަނޑުމެންގެ ރަން ބިސް އަޅާ ކުކުޅު ނުވަތަ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ލޭނާރު ހަލާކުކޮށްލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ]މިފެންނަނީ[. މުޅި ދުނިޔޭގެ ކުރިމަތީގައި ފަލީހަތް ކުރަމުންދާ މަންޒަރު."
ގާސިމް ވިދާޅުވީ ސަރުކާރުން ކަންތައް ކުރަމުންދާ ގޮތާއި ސަރުކާރުގެ މަގްސަދު އެއްވެސް ރައްޔިތަކަށް އޮޅިފައި ނުވާ ކަމަށެވެ. އަދި "ފްލައި މީ" ހުއްޓާލުމަށް އެންގުމުގެ ހަގީގީ މަގްސަދު ވެސް ރައްޔިތުންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ސަރުކާރުގެ އެފަދަ އަމަލުތަކުން ހަމަ ގެއްލުންވާނީ ރާއްޖޭގެ އިގްތިސާދަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެވެސް އެއާލައިނެއް ބަންދުކޮށްގެން އުޅޭ ވާހަކަ ހުއްޓާލަން އަންގައިގެން އުޅޭ ވާހަކަ އެބަ އިވޭ. އެއާލައިންތައް ގިނަކަމުން ގޮސް އެއާލައިންތައް ވެސް ބަންދު ކުރަން އެންގީ. ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރުގެ ހުރި ފޮނިކަމާއި ގިނަކަމުން. އެކަމަކު އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށް ވެސް އެބަ އެނގޭ އެހެންނު ވާގޮތް."
ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ނިސްބަތްވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސުނާމީ އެތައް ގޮތަކަށް އަރާ ކަމަށާއި މިހާރު ރާއްޖެ އަށް ކުރިމަތިވެފައި މި ވަނީ މާބޮޑު ސުނާމީއެއް ކަމަށެވެ. އަދި "މި މުސީބާތުން" ސަލާމަތްވުމަށް ގާސިމް ޕޯޑިއަމްގައި ހުންނަވައި ދުއާ ކުރެއްވި އެވެ.
" 2004 ވަނަ އަހަރު ޑިސެމްބަރު މަހު 26 ވަނަ ދުވަހު މި ރާއްޖެ އަށް ކުރިމަތިވި ސުނާމީ އަށް ވުރެ މާ ބޮޑު ސުނާމީއެއް އަޅުގަނޑުމެންނާ ކުރިމަތިވެފައި މި ވަނީ. އެކަމުން ސަލާމަތްވުމަށް އަޅުގަނޑުމެން އެންމެން އެބަ ﷲ ހަޒްރަތަށް ދުއާ ކުރަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ހިންގަމުންދާ ގޮތުން ރައްޔިތުން މިހާރު ބަނޑަށް ޖެހެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މަގްސަދަކީ ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކާ ޖައްސައި ދުރު ކުރުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ