ރިޔާސީ އިންތިހާބު 2008: އޮބްޒާވްކުރުމަށް އދ، ކޮމަންވެލްތު، އީޔޫ އަށް ވަނީ ދައުވަތު ދީފައި: ފޮރިން މިނިސްޓަރު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އދ. އަށާއި އީޔޫ އަދި ކޮމަންވެލްތަށް ދައުވަތު ދެއްވައިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ޔުގެންޑާގެ ކަމްޕާލާގައި ބޭއްވި ކޮމަންވެލްތު ސަމިޓް ނިންމަވާލެއްވުމަށްފަހު ރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ބާއްވާ އިންތިހާބަކީ "ދުނިޔޭގެ ފެންވަރުގައި މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެ" ކަމަށެވެ.
"އަޅުގަނޑުމެން އެދިފައި ވާނީ ހަމައެކަނި އިންތިހާބު އޮބްޒާވްކުރުމަކަށް ނޫން. އިންތިހާބީ ކަންތައް މިހާރަށްވުރެ ހަރުދާނަކުރުމަށް އެހީތެރިވުމަށް ވެސް އެދިފައިވާނެ،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑު މިހެން ދެންނެވިއަސް އިދިކޮޅު ފަރާތްތަކުން މިނިވަން، އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލްނުކުރާނެ ކަންތައްތަކެއް ހުރުން އެކަށީގެންވޭ."
ފޮރިން މިނިސްޓަރު ވިދާޅުވީ ކޮމަންވެލްތުން ރާއްޖެއާ ދޭތެރޭގައި ދެކެނީ ވަރަށް ގާތް ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެއަށް އަންނަ އިސްލާހީ ބަދަލުތަކަށް އެ ޖަމާއަތުން ތާއީދުކުރާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ކޮމަންވެލްތު ސަމިޓް ހަމަޖެހިފައިވާ ގޮތުން ވަކި ގައުމެއްގެ ވެރިއަކަށް ނުވަތަ ވަކި ގައުމަކަށް ތާއީދުކޮށް ބަޔާނެއް ނެރޭ ގޮތަކަށް ނޫން ހަމަޖެހިފައި ވަނީ... އަޅުގަނޑަކަށް ތިކަން މާ ސާފުކޮށް އެނގިފައެއްނުވޭ. ނަމަވެސް އެ ބައްދަލުވުމުގައި ގާނޫނު އަސާސީ އިސްލާހުކޮށް ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ވަރަށް ތަފުސީލުކޮށް ކިޔައިދިނިން،" ރައީސް މައުމޫނަށް ތާއީދުކުރައްވާ ކޮމަންވެލްތުން ބަޔާނެއް ނެރޭނެ ކަމަށް އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު އިހަށްދުވަހު ވިދާޅުވުމާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ