ޔާމީނަށާއި ޖަމީލަށް ތައުރީފްކުރައްވައި އެބޭފުޅުންނަށް ވޯޓުދެއްވުމަށް މައުމޫން އެދިވަޑައިގެންފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ އެދެބޭފުޅުންނަށް ވޯޓު ދެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ރ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި އެއަތޮޅު ހުޅުދުއްފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޔާމީނާއި ޖަމީލަކީ ވެރިކަމަށް ވަރަށް ގާބިލް ދެ ބޭފުޅުން ކަމަށާއި މިހާރު ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެބޭފުޅުން ކަމަށެވެ.
"އެދެބޭފުޅުންނަކީ އިލްމާއި ތަޖުރިބާގެ ގޮތުންނާއި އަދި ވިސްނުމުގެ ގޮތުން އަދި އަހުލާގީ ގޮތުން މިކަމަށް އެންމެ އެކަށީގެންވާ ދެބޭފުޅުން ކަމުގައި ޝައްކެއް ނެތް، އެއީ ފަހަރެއްގައި ވެސް ދެން ކުރިމަތިލައްވާފައިވާ އެހެން ކެންޑިޑޭޓުންނަށް ދަންނަވާ ކުޑައިމީސް ބަހެއް ނޫން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ވޯޓަކީ ވަރަށް މުހިންމު ހަތިޔާރެއް ކަމަށާއި އެއީ ޑިމޮރަސީގައި އެންމެ ބާރުގަދަ ހަތިޔާރު ކަމަށެވެ. އެ ހަތިޔާރު ބޭނުންކުރަންވާނީ ރައްޔިތުންނަށާއި ދިވެހި ގައުމަށް ފައިދާވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ތި ބޭފުޅުން ދެއްވާ ވޯޓަކުން އިންތިހާބުކުރާ ރައީސް އާއި ނައިބު ރައީސްއަކީ، ތިބޭފުޅުން ބޭނުންވާ ގޮތަށް ކަންތައްކޮށްދެއްވާނެކަން ތިބޭފުޅުންނަށް ޔަގީންވާ ދެބޭފުޅުންކަން ޔަގީންވުމުން ނޫނީ ވޯޓު ދެއްވައިގެން ނުވާނެ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް." ރައީސް މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން ހުޅުދުއްފާރުގެ ރައްޔިތުންނާއި އެހެން ރައްޔިތުން ވެސް ދިވެހި ގައުމަށާއި އިސްލާމް ދީނަށާއި މިނިވަންކަމާއި ސިޔާދަތަށްޓަކައި އާއި އިޖުތިމާއީ އަދާލަތާއި އިގްތިސޯދީ ކުރިއެރުމަށްޓަކައި އަބްދުﷲ ޔާމީނަށާއި ޑރ.ޖަމީލަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީނާއި ޖަމީލް ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖެއަށް ހަމަޖެހުން އަންނާނެ ކަމަށާއި ރާއްޖެ އަށް ވަރަށް ބޮޑު ތަރައްގީއެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނީ މުސްތަގުބަލުގައި ރާއްޖެ ދާނީ ރަނގަޅު މަގުންކަން، އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ހިނގަމުންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަން، ރާއްޖޭގެ އިސްލާމް ދީން ހިމާޔަތްކޮށްފައި ބޭއްވޭނެކަން، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ އުޙުއްވަތްތެރިކަމާއި އިޖުތިމާއީ ގުޅުން އޮންނާނެކަން، އަޅުގަނޑުމެންގެ ތެރޭގައި ކުށްކުރުން މަދުވާނެކަން." ރައީސް މައުމޫން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓު ޑރ.ޖަމީލް ވެސް ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައިވެ އެވެ. އަދި ހުޅުދުއްފާރުގެ ގިނަ ރައްޔިތުންތަކެއް މި ޖަލްސާގައި ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ