އަބުދުﷲ ހަމީދުގެ އަނބިކަބަލުންގެ ޖަނާޒާގައި ބައިވެރިވުމަށް ޔާމީން ލަންކާއަށް

ކުރީގެ ރައީސް މައުމޫނާއި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީނުގެ ބޭބޭފުޅު އަދި ކުރީގެ އެޓޯލްސް މިނިސްޓަރު އަބުދުﷲ ހަމީދުގެ އަނބިކަބަލުން އައިޝަތު މޫސާ ކަލޭފާނު ސުރީލަންކާގައި މިއަދު އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ޖަނާޒާގައި ބައިވެރިވުމަށްޓަކައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން ސުރީލަންކާއަށް ވަޑައިގަންނަވަން ނިއްމަވައިފިއެވެ.
ޔާމީން އައްޑުއަށް ކުރައްވަމުން ގެންދެވި ކެންޕޭން ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ދާދި ދެންމެއަކު ވަނީ މާލެ ވަޑައިގެންފައެވެ. އަދި އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ޔާމީން ލަންކާއަށް ފުރާވަޑައިގަންނަވާނެއެވެ.
ހަމީދުގެ އަނބިކަބަލުން އައިޝަތު މޫސާ އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 69 އަހަރުފުޅެވެ. އަވަހާރަވި އިރު ހައަންހެން ބޭފުޅުންނާއި ހަފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
އައިޝަތު މޫސާގެ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން ހަމީދާއި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދާއި މައުމޫން ހަމީދު އަދި މިފްކޯގެ ޗެއާމަން ޑރ. ފާތިން ހާމީދު އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ނާއިބު ރައީސް ޑރ. ހާލާ ހަމީދު އާއި ފޮޓޯ ގުރާފަރ ޔާސީން ހަމީދާއި މިއުޒީޝަން ޝަންމޫން ހަމީދު ހިމެނިވަޑައިގަންނަވައެވެ.
2008 ވަނަ އަހަރުން ފެށިގެން އަބުދުﷲ ހަމީދު އާއި އަނބިކަބަލުން ދިރިއުޅުއްވަމުން ގެންދަވަނީ ސުރީލަންކާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ