މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އިލެކްޝަންސް އިން ބުނީ މާދަމާ އިން ފެށިގެން 10 ދުވަސް ވަންދެން ރިޔާސީ ކެންޑިޑޭޓުންނަށް ކުރިމަތިލެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން ހޯމަ ދުވަހު 2 އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.
އަދި ކުރިމަތި ލައްވާ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެ ބޭފުޅެއްގެ ކެންޑިޑެސީގެ ސައްހަކަން ނުވަތަ ނޫންކަން 48 ގަޑިއިރުގެ ތެރޭގައި އެކެންޑިޑޭޓަކަށް އަންގާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އޭގެ ފަހުން އެއްވެސް މައްސަލައެއް އޮތް ނަމަ ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ ފުރުސަތު ދޭނެ ކަމަށް އެކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ ފޯމްގައި ކެންޑިޑޭޓާއި ރަނިންމޭޓްގެ ނަން ލިޔެ، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ވާދަކުރާ ކެންޑިޑޭޓުގެ ހާޒިރުގަ އެވެ.
އިންތިޚާބުގައި ވާދަކުރާނެކަމަށް، މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކޮށްފައިވާ ޑރ.މުހައްމަދު ސައުދެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 35 އަހަރުވުމާއި ސާބިތު ދަރަންޏެއް އޮތް މީހެއް ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުވެ ނިމުނުތާ ނުވަތަ މައާފް ލިބުނުތާ ތިން އަހަރުވުން ހިމެނެ އެވެ.
އަދި އިސްލާމް ދީނުގެ ހައްދު ކަނޑައަޅާފައިވާ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ