ދިވެހި މުޖުތަމައަކީ ކުށްކުރުން ނެތް މުޖުތަމައަކަށް ހަދާނަން – އުމަރު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ވެރިކަން ލިބިވަޑައިގެންފިނަމަ ދިވެހި މުޖްތަމައުއަކީ ކުށް ކުރުން ނެތް މުޖްތަމައުއަކަށް ފަސް އަހަރުގެ ތެރޭގައި ހަދާނެ ކަމަށް ޖުމްހޫރީ ގުޅުމަށް ނިސްބަތްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއިން ބަލިވުމުން ގާސިމް އިބުރާހިމަށް ތާއިދުކުރަމުންދާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުގެ ބައެއް ސިޔާސަތުތަކާއި ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައިޑީޕީގެ ރިޔާސީ ކެނޑިޑޭޓް ގޮތުގައި މިދިއަ ރިޔާސީ އިންތިޙާބުގައި ވާދަކޮށް ބަލިވި އަދި އެއަށްފަހު ޑީއާރްޕީ އާއި ޕީޕީއެމްއާއި ގުޅުމަށް ފަހު މިހާރު ވަކިވެ ޖުމްހޫރީ ޕާޓީއަށް ސަޕޯޓްކުރާ އުމަރު ނަސީރު ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއް ގައި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އަމާންކަން ގާއިމު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ.
"ކޮންމެ ބެލެނިވެރިއަކަށްވެސް އެބޭފުޅެއްގެ ތުއްޕުޅު ދަރިފުޅު އަމިއްލަށް ޓިއުޝަނަށް ގޮސް ޓިއުޝަނުން ގެއަށް އާދެވޭ މިންވަރަށް އަޅުގަނޑުމެން މަގުމަތީގެ ސަލާމަތްތެރިކަން ޔަގީން ކޮށްދޭނަން " އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ނިމިގެންދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާ ކަމަށާއި އެފަދަ ބޮޑެތި ޖަރީމާތަކެއް ހިންގި އިރު ވެސް ސަރުކާރުތަކަށް އެޅުނު ފިޔަވަޅެއް ވެސް އަދި އެކަމާއި ގުޅިގެން ކުރެވުނު ކަމެއްވެސް ނެތް ކަމަށެވެ.
ޖުމްހޫރީ ގުޅުމުން މިހާރު ވަނީ ގައުމީ ސަލާމަތާއި އަމަންއަމާން ކަމާބެހޭ ކޮމެޓީއެއް އެކުލަވާލާ އެކޮމެޓީގެ މަސައްކަތް ފަށާފައި ކަމަށާއި އެކޮމެޓީގެ ވެރިއަކީވެސް އުމަރު ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް އެކޮމެޓީގައި ހިމެނެނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު އާއި އިލްޔާސް އިބްރާހިމް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ފަޔާޒު (އެފްއޭ) ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި މިކޮމެޓީގައި ތިބީ މިވަގުތު ރާއްޖޭގައި ތިއްބެވި އެކަމަށް އެންމެ ފުންނާބުއުސް ބޭފުޅުން ކަމަށް އުމަރު ވިދާޅުވިއެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ޝަކުވާތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުލުގެ ކުރިން އެޝަކުވާތަކަށް ގޮތެއް ނިންމަން އިލެކްޝަންސް ކޮމިޝަނަށް ޖެހޭނެކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ވޯޓުލާން ފެށުމުގެ ކުރިން އިންތިޙާބު ގަބޫލު ކުރާނަންތޯ ނުވަތަ ނޫންތޯ ޖުމްހޫރީ ގުޅުމުން ނިންމާނެ ކަމަށެވެ. އަދި އިންތިހާބުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ބަލިވިޔަސް ބަލި ގަބޫލު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްއަށް ފާޑުވިދާޅުވެ އުމަރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޖަމީލު އިންތިހާބުގައި ބަލިވެއްޖެ ނަމަ އިންތިހާބު ގަބޫލު ނުކުރައްވާނެ ކަމަށްވިދާޅުވަނީ މިހާރުވެސް ބަލިވެއްޖެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
ނަމަވެސް ރޭ ޓީވީއެމް އިން ފޮނުވި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ހުރި މައްސަލަތައް ހައްލު ނުވެ އިންތިޙާބު ބާއްވާ ޕީޕީއެމް އިންތިޙާބުގައި ބަލިވި ނަމަވެސް ނަތީޖާ ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމް އަށާއި ރައީސް ވަޙީދަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އުމަރު އިތުރަށް ވިދާޅުވީ "ޕީޕީއެމް އަދި ރައީސް ވަހީދުވެސް މިއިންތިހާބުގައި ވާދަވެރިކޮށް ވާދައެއް ނުކުރައްވާ. އެދެ ބޭފުޅުން އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ. މިއިންތިހާބުގެ ވާދަވެރިންނަކީ އެމްޑީޕީއާއި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް،" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ