އެމެރިކާ ސިފައިންނަށް ތުނބުޅި ބެހެއްޓޭނެ ކަމަށް ކޯޓުން ޙުކުމް ކޮށްފި

އެމެރިކާ ސިފައިންނަށް ވެސް ތުނބުޅި ބެހެއްޓޭނެ ކަމަށާއި ތުނބުޅި ބާލަން ސިފައިންނަށް މަޖުބޫރު ނުކުރެވޭނެ ކަމަށް އެމެރިކާގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
އެމެރިކާގެ ކޯޓަކުން މިގޮތައް ޙުކުމް ކޮށްފައިވަނީ އިންޑިއާ ދަރިފަސްކޮޅަށް ނިސްބަތްވާ އެމެރިކާ ސިފައިންގެ ސިކުންގެ މީހަކު ތުނބުޅި ބާލައި އޭނާގެ ބޮލުގައި އަޅާ ފަގުޑި ނެގުމަށް އެންގުމުން މިދިޔަ ޑިސެމްބަރ މަހު ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ޙުކުމުގައެވެ.
ސިފައިންގެ ކެޕްޓަނެއް ކަމަށްވާ ސިޕްރަތުޕާލް ސިންހްގެ މައްސަލައިގައި އިއްވި ޙުކުމާއި ގުޅިގެން މިހާރު ކޮންމެ ދީނެއްގެ މީހަކަށް ވެސް އެމީހެއްގެ ދީނުގައި ބޮލާއި ތުނބުޅި ބަހައްޓަން އަންގާފައި އޮންނަ ގޮތައް ބެހެއްޓުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ދީނުގައި އޮންނަ ގޮތައް ހެދުން އެޅުމަށް ވެސް ސިފައިންނަށް މިހާރު ހުރަހެއް ނެތެވެ.
މިނިންމުމަށް އެމެރިކާގެ އަސްކަރިއްޔާ އިން ވެސް ވަނީ މަރުޙަބާ ކިޔައިފައެވެ. އެމެރިކާ ސިފައިންގެ އެސިސްޓެންޓް ސެކްރެޓަރީ ޑެބްރާ ވަޑާ ވިދާޅުވީ މިނިންމުގެ ސަބަބުން ވަރަށް މުހިންމު ސުވާލެއްގެ ޖަވާބު ލިބިގެން ހިނގައްޖެ ކަމަށާއި މިއީ ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ