މާޓިނޭޒް އާއި ނޭމާ ހޯދުމަށް މަސައްކަތެއް ނުކުރަން: ބާޓޮމެއޫ

އިންޓަ މިލާންގެ ފޯވާޑް ލަޓާރޯ މާޓިނޭޒް އާއި ޕީއެސްޖީގެ ފޯވާޑް ނޭމާއަށް ބިޑް ނުކުރެވޭނެ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެއެވެ.
ބާޓޮމެއޫ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ޓީމުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، އެންމެ އަވަހަށްވެސް އާންމު ހާލަތަށް އެނބުރި ދެވޭނެ ކަމަށް ބަލަނީ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭ ހިސާބުން ކަމަށެވެ. އަދި މާޓިނޭޒްގެ އިތުރުން ނޭމާއަށް ކުރިން ބިޑް ކުރަން ވިސްނި ނަމަވެސް، އެ ވިސްނުން މިހާރު ނެތް ކަމަށާއި، އެވަރު ބޮޑު ޓްރާންސްފާއެއް މިހާލަތުގައި ކުރެވެން ނެތް ކަމަށް ވެސް ބާޓޮމެއޫ ވިދާޅުވިއެވެ.
ބާޓޮމެއޫ އިތުރަށް ވިދާޅުވީ މިހާލަތުގައި ނޭމާ ގަންނަން ބޭނުންވި ކަމުގައިވިޔަސް ޕީއެސްޖީން އޭނާގެ އަގު ކުޑަ ނުކުރާނެ ކަމަށާއި، ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ޓީމުތަކަށް މާލީ ގޮތުން ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ބާސާގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން އަލުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ޖެހިއްޖެނަމަ އެކަން ކުރުމަށް ކުޅުންތެރިންނާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ބާޓޮމެއޫ ވިދާޅުވިއެވެ. އަދި ވިދާޅުވީ އުންމީދަކީ މުސާރަ ކުޑަކުރުމަާް ކުޅުންތެރިންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ބާސާއިން މާޓިނޭޒް އާއި ނޭމާ ނުގެންނާނެ ކަމަށް ބުނިއިރު، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސާއިން ވަނީ ޔުވެންޓަސްގެ މިޑްފިލްޑަރު މިރެލަމް ޕިޔަނިޗްގެ ސޮއި ހޯދާފައެވެ. އަދި ބާސާގެ މެދު ތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން މިޑްފީލްޑަރު އާތޫރް މެލޯ ވަނީ 72 މިލިއަން ޕައުންޑަށް ޔުވެންޓަސްއަށް ވިއްކާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ