ޕޮޒިޓިވް 107، އޭގެ ތެރޭ 73 ދިވެހިން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 107 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ބުނެފި އެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 104 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް ތިން މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 73 ދިވެހިން ހިމެނެ އެވެ. ދެން ތިބީ ބަންގްލަދޭޝްގެ 29 މީހަކާއި އިންޑިއާގެ ތިން މީހަކާއި ފިލިޕީސް މީހަކާއި ސްރީ ލަންކާގެ މީހެކެވެ. މިއަދު ޕޮޒިޓިވްވި އެ މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5,679 އަރާފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2449 މީހުންނެވެ. ކޮވިޑްގައި 22 މީހަކު ވަނީ މަރުވެފަ އެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. ރޭ 1:45 ގައި މަރުވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. މިހާރު ވެސް އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 146 މީހަކު ހޮސްޕިޓަލްތަކުގައި އެބަތިއްބެވެ.
ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުން އެޑްމިޓް ކުރަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑަށް ހާއްސަކޮށްފަ އެވެ. އެގޮތުން ޑީއެޗްގެ 11 ވަނަ ބުރީގައި ތިބެނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުނެވެ. އެ ފްލޯގައި ގާއިމްކޮށްފައި ވަނީ އައިސީޔޫއެކެވެ. ޑީއެޗްގެ 16 ވަނަ ބުރީގައި ތިބެނީ ކޮވިޑްޖެހޭ މާބަނޑު މީހުނެވެ.
އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ތިބީ އައިސީޔޫގަ އެވެ. އޭގެ ތެރެއިން ހަތް މީހަކު ހުޅުމާލޭ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ޑީއެޗްގެ އައިސީޔޫގައިވެސް ދެ މީހަކު އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ