ފިނޭންސް އިމާރާތުގެ މައްސަލާގައި އެޗްޑީސީން 22 މިލިއަން ޑޮލަރު ދޭންޖެހިއްޖެ

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އަށް 22.8 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ދައްކަންޖެހޭ ކަމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ކަނޑައަޅަފި އެވެ.
ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހެޅި މި މައްސަލަ ނިންމީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
އާބިޓްރޭޝަންގެ ނިންމުމުގައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސް އަކަށް މިހާތަނަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާ ނަމަ 22,823,432.68 ޑޮލަރު ދައްކަންޖެހޭ ކަމަށާއި މި ފައިސާ އެޗްޑީސީން ހަތް ދުވަސް ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ އޮފީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މެލޭޝިއާގެ އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗް މަހުއެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 123 މިލިއަން ޑޮލަރެވެ. އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ވަނީ ބުނެފައެވެ.
ނަމަވެސް މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ.
އެ ކުންފުނީގެ ޗެއާމަން ޑަޓުކް ސަޒްމީ މިއަހް، މެލޭޝިއާގެ ނޫހެއް ކަމަށްވާ މެލޭ މެއިލް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިފަހުން އެ ޕްރޮޖެކްޓް ހުއްޓިފައިވާ ކަމަށެވެ. ސަރުކާރުގެ ޖަވާބެއް ހޯދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ވިސާމް އަލީ އާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައިގެންނާއި ސިޓީ ފޮނުވައިގެން ވެސް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުށަހެޅުމުން ޖަވާބެއް ނުދެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ފިނޭންސް އިމާރާތުގެ މައްސަލާގައި އެޗްޑީސީން 22 މިލިއަން ޑޮލަރު ދޭންޖެހުމާއި ގުޅިގެން އަދި އެޗްޑީސީން އެއްވެސް އެއްޗެއް ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ