ނުވަ މިލިއަން ރުފިޔާ އަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ: އެންޑީއެމްއޭ

ކޮވިޑް-19އާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރަދުތަކުގެ ތެރެއިން ކެއުންބުއިމަށް ހޭދަކުރި ނުވަ މިލިއަން ރުފިޔާގެ ތަފުސީލުތައް އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏަސް އޭގެ ތަފުސީލުތައް އޮޑިޓަ ޖެނެރަލްގެ އޮފީހާ މީގެ ކުރިން ހިއްސާ ކޮށްފައި ވާނެ ކަމަށް ބުނެ އެ އިދާރާ އިން ދިފާއު ވެއްޖެ އެވެ.
އެންޑީއެމްއޭގެ ހަރަދުތައް ބަޔާންކުރާ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޖުމުލަ ހަތް ތަނަކަށް ކެއުންބުއިމުގެ ހަރަދުގެ ގޮތުގައި 17،125،286ރ. ހަރަދުކުރި އިރު، އޭގެ ތެރެއިން 9،806،724 ރުފިޔާ ހޭދަކުރި ގޮތެއް ސާފެއް ނުވެ އެވެ.
އެހެންވެ، އެ ކަންކަން އިސްލާހު ކުރުމުގެ ގޮތުން، އޮޑިޓު ރިޕޯޓުގައި ލަފާ ދީފައި ވަނީ ކޮންމެ ކާ ގަޑިއެއްގައި ވެސް އޯޑަރު ކުރާ ތަކެއްޗާއި އަދަދު އެނގޭނެ ހެން ތަކެތި ފޯރުކޮށްދޭ ފަރާތާއި އޯޑަރުކުރާ ފަރާތުން ސޮއިކޮށްފައި ލިޔެކިޔުން ބެލެހެެއްޓުމެވެ.
އޮޑިޓު ރިޕޯޓާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގެޒެކެޓިވް އުމަރު މޫސާ ފިކުރީ ވިދާޅުވީ، ކެއުންބުއިމުގެ ހުރިހާ ކަމެއް ވެސް ބަލަހައްޓާ ލިޔެކިޔުންތައް ހުންނާނެ ކަމަށާއި އެ ހުރިހާ ތަފުސީލެއް އޮޑިޓުގެ ތެރޭގައި އޮޑިޓަ ޖެނެރަލްގެ އޮފީހާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ކެއުންބުއިމުގެ ހަރަދުތައް ތަފުސީލް ކޮށްދެއްވަމުން އުމަރު ވިދާޅުވީ ދަރުބާރުގެ އަށް އެކަނި ބަލާއިރު ވެސް އެއީ ދުވާލެއްގެ މައްޗަށް 500 އަށް ވުރެ ގިނަ މުވައްޒަފުން ކޮންމެ ވަގުތެއްގައި ވެސް މަސައްކަތްކުރާ ތަނެއް ކަމަށެވެ. އެ އެންމެނަށް ވެސް ދުވާލަކު ތިން އިރު ކެއުން ހަމަޖައްސަދީފައިވާއިރު، ދުވާލެއްގެ މައްޗަށް ބޮލަކަށް ހަރަދުކޮށްފައި ވާނީ 160ރ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ކެއުމުގެ ކަންކަމަށް ފަހު، އެ ދުވަހު ކެއި މީހުން އެނގޭނެހެން ޑެލިވަރީ ނޯޓެއް އެބަ ތައްޔާރުކުރަން ޖެހޭ. އެ ޑެލިވަރީ ނޯޓު އަޅުގަނޑުމެންނަށް ލިބުނީމާ އޭގަ އެބަ ސޮއިކުރަން ޖެހޭ. އެ ނޯޓަށް ބަލާފައި އަޅުގަނޑުމެން ޕޭ ކުރަން ޖެހޭ ފަރާތަށް ޕޭ ކުރަނީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކުރިން ކޮވިޑާ ގުޅޭ މި އޮޕަރޭޝަން ކުރިއަށް ގެންދާ ދަރުބާރުގެ އަކީ އެ ތަނަށް ވަދެ ނުކުންނަ މީހުންނާއި އުޅޭ މީހުންގެ އަދަދުތައް އޮޅުވައިލެވޭނެ ތަނެއް ނޫނެވެ. އެގޮތުން ދަރުބާރުގޭގައި އެންޓްރީ ލޮގް ސިސްޓަމެއް ހަރުކޮށްފައި ހުންނާނެ ކަމަށާއި ލޮގް ނުކޮށް ވަދެ ނުކުމެ ނޫޅެވޭނެ ކަމަށް ވިދާޅުވި އެވެ. އެ ލޮގުން އެތަނުގައި އެވަގުތު ތިބި އެންމެން އެނގެން ހުންނާނެ ކަމަށާއި އެ ހުރިހާ ތަފްސީލެއް ވެސް އޮޑިޓް އޮފީހާ ހިއްސާކުރި ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮވިޑް ފެސިލިޓީތަކުގައި ވެސް އަމަލު ކޮށްފައި ވާނީ ހަމަ އެގޮތަށް ހުރިހާ ކަމެއް ރިކޯޑު ކޮށްގެން ކަމަށެވެ. ކޮންމެ ދުވަހަކު ވެސް އެ ފެސިލިޓީއެއްގެ މެނޭޖަރަކު ކެއުމަށް އޯޑަރު ކުރަނީ އެތަނެއްގައި ތިބި މީހުންނާއި އެ މީހުންގެ ބޭނުންތަކަށް ބަލައި، ލިސްޓެއް ނަގައިގެން ކަމަށް އުމަރު ވިދާޅުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ފެސިލިޓީތަކުގައި ބައެއް މީހުން ވަކި ގަޑިއެއްގެ ކެއުން ބޭނުން ނުވާ ފަހަރު ވެސް އާދެ އެވެ. ރޯދަ އަށް ތިބޭ ފަހަރު ވެސް ދިމާވެ އެވެ. އެހެންވެ، ކެއުމަށް އޯޑަރުކޮށްފައި ވާނީ އެ ހުރިހާ ކަމަކަށް ވެސް ބަލާފައި ކަމަށް އުމަރު ވިދާޅުވި އެވެ.
ދަރުބާރުގެއެކޭ އެއްގޮތަށް ކޮވިޑް ފެސިލިޓީތަކުގައި ވެސް ޑެލިވަރީ ނޯޓުގައި އެ ތަނެއްގެ މެނޭޖަރު ސޮއިކުރާނެ ކަމަށާއި ފައިސާ ދޫކުރަނީ އޭގެ ފަހުން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފެސިލިޓީތަކުގައި ތިބޭ ބަލި މީހުންގެ އަދަދަކީ ކޮންމެ ދުވަހެއްގެ ޕްރެސް ކޮންފަރެންސް ތަކުގައި އާންމުކުރަމުން އައި އަދަދުތަކެއް ކަމަށާއި އެހެންވީމާ އޭގައި އޮޅުވައިލުމެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ