ފްލެޓް ކޮމިޓީން ދިރާސާކޮށް ޝަރުތު ފުރިހަމަ ނުވާ ވަގުތީ ލިސްޓު ނެރެފި

ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއުގެ H8, H5, H4 އަދި H10 ކެޓަގަރީ އަށް ކުރިމަތިލާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު ޝަރުތު ފުރިހަމަ ނުވާ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، މި ލިސްޓު (ގެޒެޓު) [https://www.gazette.gov.mv/iulaan/view/132700] ކޮށް ނެރެފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. މި ލިސްޓަކީ "ހިޔާ" މަޝްރޫގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަަށްފަހު ފްލެޓް ކޮމިޓީއިން ދިރާސާކޮށް ނިމިފައިވާ ހަތަރު ކެޓަގަރީގެ ލިސްޓެވެ.
ހަތަރު ކެޓަގަރީ
H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ)H5 (ޓީޗަރުންނަށް ޚާއްސަ)H8 (މާލޭ ރަށްވެހިންނަށް ޚާއްސަ)H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ)
ޕްލޭނިން މިނިސްޓްރީން ބުނީ، މި ލިސްޓުތަކަކީ ފޯމުތައް އިވަލުއޭޓް ކުރުމުގައި ކޮމިޓީއިން ކަނޑައަޅާފައިވާ ހުރިހާ ޕްރޮސެސްއެއް އެންމެ ފުރަތަމަ ނިންމާލެވުނު ކެޓަގަރީތައް ކަމަށެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކަށްވެސް ކުރިމަތިލުމަށް ޝަރުތުހަމަވެފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާއި، ޝަރުތުހަމަނުވާ ފަރާތްތަކުން ޝަރުތު ހަމަނުވާ ސަބަބު އަދި ކޮންމެ ފޯމަކަށްވެސް 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީއިން ދެއްވާފައިވާ ޕޮއިންޓް ހާމަކޮށްފައިވާނެ ކަމަށެވެ.
އަދި ބުނީ، ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހަޅާ ޕޯޓަލް އެއް ގެޒެޓްކުރުމުން މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތައް ފައިނަލް ޕޮއިންޓު ދިނުމުގައި ރިއާޔަތް ކުރެވޭނެ ކަމަށެވެ.
މިއަދު އާއްމު ކުރި ލިސްޓުގައި ފޯމު ހުށަހެޅި ފަރާތުގެ ނަމާއި އެޑްރެސްއާއި، ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލް ވަނީ ހިމަނާފަ އެވެ. ކުރިން ހައުސިން މިނިސްޓްރީއިން ގެޒެޓްކޮށްފައިވަނީ ހަމައެކަނި ފޯމު ނަންބަރުތަކެއް ހިމެނޭ ލިސްޓެކެވެ.
ކުރީގެ ސަރުކާރުން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާގޮތާމެދު ކޮމިޓީއަށް ފާހަގަކުރެވުނު ބައެއް މައްސަލަތައްވެސް ވަނީ ފްލެޓް ކޮމިޓީގެ ފަރާތުން، އަހްމަދު ތޯހާ މިއަދުގެ ޕްރެސްގައި ހިއްސާކޮށްފަ އެވެ. އެގޮތުން، ދިރިއުޅުމުގެ ހާލަތު ބަލާފައިވާކަން ލިޔެކިޔުމުން އެނގެން ނެތުމާއި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދީފައިވަނީ ފޯމުހުށައެޅި ފަރާތުން ފޯމުގައި ލިޔެފައިވާ ބަޔާނެއްގެ މައްޗަށް ކަމަށް ހައުސިން މިނިސްޓްރީއިން މަޢުލޫމާތު ދީފައިވީނަމަވެސް، އެއްވެސް ބަޔާނެއް ދީފައިނުވާ ފަރާތްތަކަށްވެސް ޕޮއިންޓްލިބިފައިވާކަން ހާމަވި ކަމަށް ތޯހާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދީފައިވަނީ މިނިސްޓަރުގެ ބިއުރޯ ތެރެއިންކަމަށާއި، އެގޮތުން ހިޔާ ފޯމުތަކުގެ
މަސައްކަތުގައި އުޅޭ މުވައްޒަފުންނާ ހިސާބަށް އަންނަނީ ފޯމު ނަންބަރުތަކެއް ޖަހާފައިވާ ލިސްޓެއް ކަމަށާއި މި ފޯމުތައް ވަކިން
ނަގައިގެން ބިއުރޯއަށް ގެންދަންޖެހޭކަމަށްވެސް ފްލެޓް ކޮމިޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ