ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވެސް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމުން އެމަނިކުފާނަށް ރައީސް މައުމޫން ބަހުގެ ހޫނު ހަމަލާއެއް ދެއްވައިފި އެވެ.
ރައީސް ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށާއި އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް 2007 ވަނަ އަހަރު ނެގި ވޯޓް ވެސް ރައީސް މައުމޫން އޮޅުވާލެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމައެކަނި އޮޅުވައި ނުލަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިހާބެއް އޮޅުވާލި އިރު 2008ގެ އިންތިހާބު އޮޅުވައިނުލެވުނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.
"އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ. 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިހާބެއް އޮޅުވާލި އިރު 2008 ގެ އިންތިހާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވާ!،" ރައީސް މައުމޫން ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް އަނެއްކާވެސް ފެށުނީ ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ. އެ އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައި ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ނަމަވެސް ޖާބިރުގެ އެ ހުށަހެޅުމަށް ދެކޮޅު ހައްދަވައި ރައީސް މައުމޫނު ޓުވީޓު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްތަކުން ނިންމަވާފައިވަނީ ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ނަޝީދު ބައްލަވަނީ ރައްޔިތުންނަކީ މޮޔައިން ކަމަށް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ