ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި

ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަން އެ ކޯޓުން ބޭންކަށް އަމުރުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ އަމުރު ނެރެފައިވަނީ އެ ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަނުންނެވެ.އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައިވަނީ 2013ވަނަ އަހަރުއެވެ.އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލައަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައެވެ. ކޮންޓްރެކްޓް ބާޠިލްކުރި ސަބަބެއް މިހާތަނަށް ސަންޓްރެވަލް އިން ވެސް އަދި ހިލްޓަންއިން ވެސް ހާމަކޮށްފައެއް ނުވެއެވެ. ދުނިޔޭގައި އެތައް ސަތޭކަ ހޮޓަލެއް ހިންގާ ހިލްޓަން އިން ވެސް ހަމައެކަނި ބުނެފައި ވަނީ ރިސޯޓުގެ މެނޭޖްމަންޓު އެ ކުންފުނިން ވަކިކުރީ ބާރު ނުފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.ސަން އިން ރާއްޖޭގައި ހަތަރު ރިސޯޓު ހިންގައެވެ. އެ ކުންފުނީގެ ރިސޯޓު ވިޔަފާރި މިހާރު ވަނީ "ސަން ސިޔާމް"ގެ ނަމަށް 2014 ވަނަ އަހަރުގެ ފެބުރުއަރީގައި ބަދަލުކޮށްފައެވެ.ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ހިލްޓަން އިން މައްސަލަ ހުށަހަޅާފައިވެއެވެ.ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ