ޕީޖީގެ މަގާމަށް މައުމޫން ހަމީދުގެ ނަންފުޅު ފޮނުވައިފި

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ޢައްޔަނު ކުރެއްވުމަށް ގާނޫނީ ވަކީލު، ހެންވޭރު މީނާޒް މައުމޫން ޙަމީދުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެ އެ އޮފީހުން އެ މަގާމަށް އިޢުލާނު ކުރުމުން އެކަމަށް އިޖާބަ ދެއްވި އެހެން ބޭފުޅުންގެ ނަންފުޅުތައް ވެސް ރައްޔިތުންގެ މަޖިލީހުގެ މަޢުލޫމާތަށް ޓަކައި މިއަދު ފޮނުވި ކަމަށެވެ.
މައުމޫން ހަމީދުގެ އިތުރަށް ޕީޖީގެ މަގާމަށް އެދިވަޑައިގެންފައިވާ ބޭފުޅުންނަކީ މައްޗަންގޮޅީ ބިންމާވިލާ އިސްމާޢީލް ވަޙީދާއި މާފަންނު ވައިނުޖެހޭގޭ ޑރ. މަރްޔަމް ޒުލްފާ އާއި ދަފްތަރު ޢާއިޝަތު ފަޒްނާ އަޙްމަދާއި ހެންވޭރު ހިޔާކަން ޙުސައިން ޝަމީމެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަނިކުފާނު މަގާމުން އިސްތިއުފާ ދެއްވީ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްް އެމްޑީޕީ އިން މަޖިލީހަށް ހުށަހެޅުމުންނެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މުއިއްޒުގެ އިތުބާރުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމުގެ މަސައްލަ ކޯޓަށް ފޮނުވުމުންނެވެ. އެއޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ހުށަހެޅިފައިވާ ރަލުގެ މައްސަލަ ހިމެނެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް މައްސަލަތައް ނެގުމަށް ޕީޖީ އަށް ޕްރެޝަރު ކުރި އެވެ. ނަމަވެސް އެ މަނިކުފާނު ވަނީ އެ ޕްރެޝަރަށް އިޖާބަ ނުދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ