ސަރުކާރު ހުއްޓިފައިވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ ރައްޔިތުން ގަބޫލުކުރާނެ ވާހަކަފުޅުތަކެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އަބްދުﷲ މުއާޒް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭން ޖަލްސާގައި ސ. ހުޅުމީދޫގައި ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ރައީސްގެ ތަރުޖަމާނު މިއަދު ވިދާޅުވީ ސަރުކާރު ހުއްޓިފައި ވާކަމަށް ބުނެ ނަޝީދު ހައްދަވަނީ އިތުރުފުޅު ކަމަށާއި އެ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.
އަދި މިހާރުގެ ރައީސް ޔާމީންގެ ސަރުކާރު އައިފަހުން ފަށާފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މުއާޒު ވިދާޅުވީ ރައީސް ޔާމީން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ވިސާގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާފައިވާ ކަމަށާއި ހިލައާއި ހިލަވެލި ފަސޭހަ ކަމާއެކު ލިބޭނެ ގޮތް ވެސް ހައްދަވައިދެއްވާފައިވާ ކަމަށެވެ. އަދި ޗައިނާއަށް ދިވެއްހިންނަށް ވިސާ ލިބޭނެ ގޮތް ވެސް ހައްދަވައިދެއްވާފައިވާ ކަމަށެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ވަޒީރުންގެ މަޖިލީހެއް ނެތް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި މުއާޒު ވިދާޅުވީ ވަޒީރުންގެ މަޖިލީހެއް ނެތީ ރައީސް ނަޝީދުގެ ތިން އަހަރުގެ ސަރުކާރުގައި ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އެއްފަހަރާ ހުރިހާ ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވި ކަން ތާރީހުން ފެންނަން އެބައޮތް ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ރައީސް ޔާމީނާ ބެހޭ ގޮތުން ކުރީގެ ރައީސް ނަޝީދު އިތުރުފުޅު ހައްދަވައިގެން އެގޮތަށް ވާހަކަ ދައްކަވަނީ އިންތިހާބަކާ ދިމާކޮށް އެމަނިކުފާނަކީ އަބަދުވެސް އިތުރުފުޅު ހައްދަވާ ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި 2009 އަހަރު ބޭއްވިގެން ދިޔަ އިންތިހާބުގައި ވެސް އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ގެއްލިގެންދިޔައީ ވެސް އެސަބަބާހެދި ކަމަށެވެ.
ނަޝީދު ދައްކަވާ ވާހަކަތަކަކީ ރައްޔިތުން ގަބޫލުކުރާނެ ވާހަކަތަކެއް ނޫން: ތަރުޖަމާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ