ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމައިފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެޕާޓީގެ ތާއީދު ހޯދުމަށް އެމްޑީޕީގެ ފަރާތުން، އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށެވެ.
އަދި ރައީސް ސޯލިހުގެ އެދިވަޑައިގަތުމަށް އިޖާބަދިނުމުގެ ގޮތުން އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް ބުންޏެވެ.
އަދާލަތު ޕާޓީން އެ ނިންމުން ނިންމީ ޖުމުލަ ހަތަރު ކަމަކަށް ބެލުމަށްފަހު އެވެ.
އެޕާޓީން ބުނީ، 2008 ވަނަ އަހަރު ފާސްކުރި ގާނޫނުއާސީސީގެ ހަޔާތުގައި މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ނަޒަރުކުރާ އިރު، ރައީސް ސޯލިހުގެ ސަރުކާރުގައި އަމާން ސުލްހަވެރި މުޖުތަމައެއް ގާއިމުކޮށް، ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑާއެކު މެދުވެރިވި އިގުތިސާދީ ދަތިތަކާއެކުވެސް ރާއްޖޭގެ އިގުތިސާދު ހަރަދުނާކޮށް، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ގިނަ ޕާޓީ އެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބު ކަމާއެކު ހިންގަވާފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ އިސްލާމީ ޝަހުޝިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސް ސޯލިހުގެ އަރިހުގައި އެޕާޓީން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމައަށް އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް އަދާލަތު ޕާޓީން ބުންޏެވެ.
އެޕާޓީން ބުނީ، ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް އަމާން ވެއްޓެއް ކަށަވަރުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވި، މުޖުތަމައުއަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ ކަމުގައިވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް ދައުލަތުގެ ފަރާތުން ދުވަހަކުވެސް މަސައްކަތް ނުކުރާ މިންވަރަށް އަދުގެ ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ.
އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، މިނިވަން ދިމިގްރާތީ ވެއްޓެއް ގާއިމުކޮށް، ގައުމު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އަޅުއްވައި ހަމަހަމަ އުސޫލެއްގެ ދަށުން އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދީ އުމްރާނީ ގޮތުން ރާއްޖެ ތަރައްގީކުރުމަށް މުޅި ރާއްޖޭގައި މަޝްރޫއުތައް ކުރިއަށްދާކަން ފެންނަ ކަމަށްވެސް ބުންޏެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އަދާލަތުން ތާއީދު ކުރާނީ އެމްޑީޕީގެ ކެނޑިޑޭޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ