މާވަށު ގެއަކުން ކަރަންޓު ކަނޑާލީ އުސޫލާ އެއްގޮތަށް: ފެނަކަ

ލ. މާވަށު "އާފަރު" ނަމަކަށް ކިޔާ ގޯތިން ކަރަންޓު ހިދުމަތް ކަނޑާލީ އުސޫލުތަކާ އެއް ގޮތަށް ކަމަށް ފެނަކަ ކޯޕަރޭޝަން ބުނެފިއެވެ. އެ ކުންފުނިން ބުނީ އަހުމަދު މޫސާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އާފަރު ގޯތީގައި ހުރި އިމާރާތްތަކަށް ދެވިފައިވާ ކަރަންޓުގެ ހިދުމަތް މިދިޔަ ހޯމަ ދުވަހު ވަގުތީ ގޮތުން ކަނޑާލާފައިވާ ކަމަށެވެ. އެއީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވެ، ހޯދާފައިވާ ކަރަންޓުގެ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދެވުނު ފުރުސަތުތަކުގައި ވެސް ފައިސާ ނުދައްކައި، ދެވުނު އެންމެ ފަހު ފުރުސަތު ހަމަވުމުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެކަމާ ގުޅިގެން މިހާރު ކޯޓުން އެ މައްސަލައަށް ހުކުމްކޮށް ނިންމާފައި ވާތީ، ވަގުތީ ގޮތުން ހިދުމަތް ކަނޑާލީ ރަނގަޅަށް ކަމަށް ކޯޓު އަމުރާ ހަވާލާދީ އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން ކަންތައް ކޮށްފައި ވަނީ އުސޫލާ އެއްގޮތަށް ނަމަވެސް، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް ރަށު ކައުންސިލްގެ ރައީސް މީޑިއާތަކަށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފެނަކައިން ބުންޏެވެ. އެ ކުންފުންޏަށް ނިސްބަތްކޮށް ވަކި ފަރާތަކުން ދައްކާ ވާހަކައަކާ މެދު އެ ކުންފުނީގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ކަމުގެ ދެ ފަރާތް ރައްޔިތުންނަށް ސާފުވާ ގޮތަށް ހަބަރު ފަތުރާފައި ނުވާތީ، އެއީ ޒިންމާދާރު ކަމެއް ނެތް އަމަލެއް ކަމަށް ފެނަކައިން ފާހަގަ ކުރިއެވެ. އެ ކުންފުނިން ހިދުމަތް ދެނީ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިން ކަމަށާއި އެ އުސޫލުން ބޭރުން ނުވަތަ ނުހައްގުން އެއްވެސް ފަރާތަކަށް ހިދުމަތެއް ކަނޑާލުމަކީ އެ ކުންފުނިން ކުރާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ