މިނިމަމް ވޭޖް ބޮޑުވެގެން ގާސިމް ޝަކުވާ ކުރި ވާހަކަ ޖޭޕީން ދޮގުކޮށްފި

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅާފައިވާ އުޖޫރަ ބޮޑުވެގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޝަކުވާ ކުރެއްވި ކަމަށް ބުނެ އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރު ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.
ރާއްޖޭގައި ހިންގާ ދުވަހު ނޫހެއް ކަމަށްވާ 'ދިޔަރެސް' އިން މި މަހުގެ 7 ވަަނ ދުވަހު ޝާއިއު ކުރި ހަބަރެއްގައި ބުނެފައި ވަނީ، އެންމެ ކުޑަ އުޖޫރަ ކަނަޑައެޅި މިންވަރު ބޮޑުވެގެން ގާސިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި ޝަކުވާ ކުރައްވާފައިވާ ކަމަށެވެ، އެ ހަބަރާ ގުޅިގެން ޖޭޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ލިޔުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ޖޭޕީން ބުނީ މިނިމަމް ވޭޖަށް ކަނަޑައެލި އަދަދާ މެދު ހިތްހަމަޖެހިވަޑައިނުގެން ގާސިމް ޝަކުވާ ކުރައްވާފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއިކޮށްފައިވާ ވާހަކަތަކަކީ ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިނިމަމް ވޭޖް ބޯޑުން ވަކި ގޮތެއް ނިންމުމަކީ ވެސް ގާސިމް އެނގިވަޑައިގެންނެވި ކަމެއް ނޫން ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ފަރާތަކާ އެއްވެސް ހާލެއްގައި މަޝްވަރާ ކުރައްވާފައި ނުވާކަމަށް އެ ޕާޓީން ޔަގީންކޮށްދޭ ކަމަށް ބުނެފައި ވެއެވެ.
މިނިމަމް ވޭޖްގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ނޫހަކުން ވެސް އެއްވެސް މީޑިއާއަކުން ވެސް ގާސިމް އާ ސުވާލު ކޮށްފައި ނުވާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ގާސިމް 'ދިޔަރެސް' ނޫހަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާއިރު ގާސިމްއޭ ކިޔައިގެން އެ ނޫހުން ލިޔެފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ޖޭޕީން ބުނެއެވެ. އެހެންކަމުން އެ ނޫހުން ލިޔުނު ލިޔުމަކީ ގާސިމް އިބްރާހިމްއާ މެދު ރައްޔިތުންގެ އޮތް އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ކަމެއް ކަމަށާއި ގާސިމް އާ މެދު ޝައްކު އުފެއްދުމަށް ކޮށްފައިވާ އަމަލެއް ކަަމަށް ޖޭޕީން ބުނެއެވެ.
މިނިމަމް ވޭޖް ބޯޑުން ވަނީ އެންމެ ކުޑް އުޖޫރައާ ގުޅޭ ގޮތުން ކަނޑައަޅަން ފެންނަ އަދަދު ހާމަ ކޮށް އެ ލަފާ އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައެވެ. އޜގައި ބުނާ ގޮތުން ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް ދުވާލަކު 6 ގަޑިއިރުގެ މަސައްކަތަށް މަހަކު 7000 ރުފިޔާއެވެ. ކުދި ވިޔަފާރިތަކުން، ދުވާލަކު 8 ގަޑިއިރުގެ މަސައްކަތަށް މަހަކު ދޭން ޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700 ރުފިާއެވެ. މެދު ފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ އަދަދަކީ 8،000 ރުފިޔާ ކަމަށާއި ބޮޑެތި ވިޔަފާރިތަކުން ދެވޭ އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި ކަނޑައެޅީ މަހަކު 10،200 ރުފިޔާއެވެ. މި މުސާރަތަކަކީ ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ކަނޑައަޅާފައި ވާ މުސާރައެވެ.
ކުދި އަދި މެދު ފަންތި އާއި ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖް ކަނޑައެޅި އިރު އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައަޅާފައެއް ނުވެއެވެ. ހަމައެއާއެކު ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ ވެސް އެ ބޯޑުން ކަނޑައެއް ނާޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ