ފަސް މަހަށްފަހު ރިޔާސަތުގައި ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު މަޖިލީހުގެ ރިޔާސަތާ މިއަދު އަލުން ހަވާލުވެވަޑައިގެންފި އެވެ.
"ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފަހުން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކުން ނުފެނެ އެވެ.
އެމަނިކުފާނު މިއަދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންފައި މިވަނީ ހަމަލާއަށް ފަހު ޖަރުމަނާއި އިނގިރޭސިވިލާތުން އިތުރު ފަރުވާ ހޯއްދެވުމަށްފަހު އިއްޔެ ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގަތުމަށްފަހު އެވެ.
ރައީސް ނަޝީދުގެ ރިޔާސަތުގައި މަޖިލީހުގެ ޖަލްސާ މިއަދު ފެއްޓުމަށްފަހު އެމަނިކުފާނު ވަނީ މިދިޔަ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް މެދުނުކެނޑި ގެންގޮސްދެއްވި ކަމަށްޓަކައި މަޖިލީހުގެ ނައިބް ރައީސްއާ މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފަ އެވެ.
ރައީސް ނަޝީދު ވަނީ ގައުމުގައި މިވަގުތު ހުރި ބައެއް މައްސަލަތަކާއި މަޖިލީހަށް ހުށަހެޅިފައި ހުރި ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފަ އެވެ. އެ މައްސަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި މަޖިލީހުގެ މިދައުރުގެ ބާކީ ބައިގައި ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނީ ބަޖެޓުގެ މަސައްކަތް ކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ގައުމުގެ އިގްތިސާދު ރަނގަޅު ވާނެ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ބާރު އެޅުއްވި އެވެ.
ރައީސް ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތް ނަމަވެސް ބެލެވޭ ގޮތުގައި މިއީ ވަގުތީ ކަމެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ކަމަށް އެނގިފައިވެ އެވެ. އެކަމަކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އެހެންނަމަވެސް ތިމާވެށީގެ ސަމިޓަކަށް ވަރަށް އަވަހަށް ފުރާވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއަކުން އެންމެ ފަހުން ފެނިފައިވަނީ ނިމިގެން ދިޔަ މަޖިލީހުގެ ދައުރުގެ އެންމެ ފަހުގެ ޖަލްސާއިންނެވެ. އެމަނިކުފާނުގެ ބަދަލުގައި މަޖިލީހުގެ ރިޔާސަތު މިދައުރުގައި ގިނައިން ބެލެހެއްޓެވީ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ