ޔާމީން ރަޝީދުގެ މަރު: ދިފާއުގެ ވަރުގަދަ ސުވާލުތަކެއް ދައުލަތަށް

ސޯޝަލް މީޑިއާ އެކްޓީވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ އިސްމާއީލް ހައިޝަމް ރަޝީދުގެ ދިފާއީ ވަކީލް، ދައުލަތުން ކަންތައް ކޮށްފައިވާ ގޮތާމެދު ސުވާލު އުފައްދައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ހައިޝަމްގެ ބޮޑީ އިންސްޕެކްޝަންއާ ގުޅޭ މުހިންމު ކަންތައްތަކެއް ދޫކޮށްލާފައިވަނީ ކީއްވެތޯ ވަކީލު ސުވާލު އުފައްދާފައިވެއެވެ.
މިމައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ އިތުރުން، މ. ކޮޅުފުށީ، އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފަރާނަށާއި، އަދި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު، ދައުވާލިބޭ ހައިޝަމްއާއި ޒިހާނުގެ އިތުރުން، ޝިފާޒްގެ ފަރާތުންވެސް ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ.
ހެކިބަހަކީ ހުވާކޮށް ފަނޑިޔާރެއްގެ ކުރިމަތީގައިވާ އެއްޗަކަށްވާއިރު، ތަހުގީގަށް ދީފައިވާ ބަޔާނަކީ ހެކިބަހެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް އެތިން މީހުންގެ ދިފާއީ ވަކީލް ވިދާޅުވިއެވެ.
އެހެންކަމުން މިމައްސަލާގައި ހިމެނޭ ބައެއް ސިއްރު ހެކިވެރިންނަކީ ކާކުކަން އެނގޭގޮތަށް ހުރި ބައިތައް އުނި ކުރުމަށްފަހު، އެ ފަރާތްތަކުގެ ހެކިބަސްތައް ހިއްސާ ކޮށްދެއްވުމަށް ދިފާއުން ވަނީ އެދިފައެވެ.
އަދި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ކެމެރާއެއްގެ މައްޗަށް އަރާފައިވަނީ ހައިޝަމްގެ އަތްތިލަކަމަށް ބުނެ ހުށައަޅާފައި ވީނަމަވެސް، އެކަން ޔަގީން ކުރުމަށް ހައިޝަމްގެ އަތްތިލައިގެ "ޕާމް ކޮމްޕެރިޒަން" ހަދާފައި ނުވަނީ ކީއްވެތޯ ދިފާއުން ސުވާލު ކޮށްފައިވެއެވެ.
ހައިޝަމްގެ ހަށިގަނޑުގައި ހުރި އަނިޔާތަކަކީ ޔާމީން ރަޝީދަށް ހަމަލާ ދިންއިރު ދިފާއުވާން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކެއް ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ އަނިޔާތަކަކީ ފުލުހުން އޭނާއަށް ކޮށްފައިވާ އަނިޔާ ކަމަށްވެސް ދިފާއުން ވަނީ ބުނެފައެވެ.
ހައިޝަމްގެ ބޮޑީ އިންސްޕެކްޝަނާއި ގުޅޭ މުހިއްމު ކަންތައްތަކެއް ދައުލަތުން ދޫކޮށްލާފައި ވާކަމަށް ބުނެ، ދިފާއުން ވަނީ ދައުލަތަށް ސުވާލުތަކެއް އަމާޒުކޮށްފައެވެ.
މިމައްސލައިގެ ހެއްކާއި ގުޅޭގޮތުން މިހާރު ވާހަކަ ދައްކާ ނިމިފައިވާއިރު، އަންނަ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހުގެ 9:00 ގައި ޔާމީން ރަޝީދުގެ ވާރިސުންގެ ބަހެއް ނެގުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައެވެ.
އެއަށްފަހު ނޮވެމްބަރުމަސް ތެރޭގައި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް އޮންނާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ