އެންޑީއޭ އުވާލައި އުފައްދަންވީ ޑްރަގް އެންފޯސްމެންޓް އެޖެންސީއެއް: އުމަރު

މައްސަލަތަކުން ފުނިޖެހިފައިވާ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އުވާލުމަށްފަހު އުފައްދަންވީ ޑްރަގް އެންފޯސްމެންޓް އެޖެންސީއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިރޭ "ސަން"އަށް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވާން ބޭނުންނަމަ، ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ އެންޑީއޭ އުވާލައި ޑްރަގް އެންފޯސްމެންޓް އެޖެންސީއެއް އުފެއްދުން ކަމަށެވެ. އޭނާ ވިދާޅުވީ ސިންގަޕޫރުގައިވެސް މިހާރު ބޭނުން ކުރަނީ އެ ފޯމިއުލާ ކަމަށާއި އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ ވަރަށް ކާމިޔާބު ފޯމިއުލާއެއް ކަމަށެވެ. "ރާއްޖޭގަ ފުރަތަމަ ކަމަކަށް ވެސް ކުރަންޖެހޭ ކަމަކީ އެންޑީއޭ އުވާލަންވީ. އުވާލާފަ އުފައްދަންވީ ޑްރަގް އެންފޯސްމަންޓް އެޖެންސީ. އެއީ މިހާރު ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމެއްގަވެސް އޮންނަ ގޮތް. އެއީ ސިންގަޕޫރު ފޯމިއުލާ. މިއީ ދުނިޔެ ތަޖުރިބާކޮށްފައިވާ ވަރަށް ކާމިޔާބު ނިޒާމެއް. އެހެންވީމަ އެ ނިޒާމަށް މި ގައުމު އަނބުރާލައިގެން ނޫނީ މިކަން ކާމިޔާބެއް ނުވާނެ. އެ ނިޒާމު އެންމެ ވައްތަރުވަނީ އިސްލާމީ ޝަރިއަތުގެ ނިޒާމާ އަސްލު،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ކަންކަން އެކި އިދާރާތަކުން ކުރަންޖެހުމަކީ އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ޑްރަގް އެންފޯސްމެންޓް އެޖެންސީ އުފައްދައި، އެ އެޖެންސީގެ ދަށުން މަސައްކަތްކުރަން ފެށުމުން މަސްތުވާތަކެއްޗާބެހޭ އެންމެހާ ކަންކަން އެއްފުރާޅެއްގެ ދަށަށް ބަދަލުކުރެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. "މިހާރު މިވާގޮތަކީ މަސްތުވާތަކެއްޗާބެހޭ ތަހުގީގީ އިދާރާއަކީ ފުލުހުން. އެތެރެކުރުން ހުއްޓުވުން މި އޮންނަނީ ކަސްޓަމްސްއަށް. ރިހެބިލިޓޭޝަން ކަންތަކާ ބެހެނީ އެންޑީއޭއިން. އަދި ހެލްތް މިނިސްޓްރީގަވެސް ބައެއް އޮވޭ. ހޯމް މިނިސްޓްރީގަވެސް ބައެއް އޮވޭ. އެހެންވީމަ މި އޮންނަނީ ނިޒާމް ވަރަށްބޮޑަށް ރޫޅިފަ،" އުމަރު ވިދާޅުވިއެވެ. "ޑްރަގް އެންފޯސްމަންޓް އެޖެންސީ ހެދީމަ އެއް އަންބްރެއްލާއެއްގެ ދަށަށް ހުރިހާ ކަމެއް އަންނާނީ. އޭރުން މަސްތުވާތަކެއްޗާ ބެހޭ ހުރިހާ ކަމެއް އޮންނާނީ އެއް އެޖެންސީއެއްގެ ދަށުގަ. ސިންގަޕޫރުގަވެސް، އެމެރިކާގަވެސް އޮންނާނީ މިހެން،" ކުރިއަށްއޮތް 2023ގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ ރާއްޖޭގައި އެތައް ވެރިކަމެއް ނިމިގެން ދިޔައިރުވެސް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް، އެ ސަރުކާރުތަކުން ނުކުޅެދިފައިވުމުގެ އިތުރުން އެކަން ހައްލުކުރާނެ ގޮތެއްވެސް ނޭނގުނު ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ ބާރުގަދަ މަސްތުވާތަކެތީގެ ބާވަތްތައް ބޭނުންކުރާ މީހުން ކަންބޮޑުވާ މިންވަރަށް ގިނަވެއްޖެ ކަމަށެވެ. އެހެންކަމުން މި ނުރައްކަލުން މުޖުތަމައު ސަލާމަތް ނުކުރެވިއްޖެނަމަ ކުރިއަށްއޮތް މަދު އަހަރުތަކުގެ ތެރޭގައި ޖީލެއް ހަލާކުވެގެން ހިނގައިދާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި ހަތްހާސް އާއިލާއެއްގެ ތެރެއަށް މަސްތުވާތަކެތީގެ ބިރުވެރިކަން ވަދެފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ އިތުރު ފޮތެއް ލިޔަންޖެހޭކަމެއް ނޫންކަމަށާއި އެކަމަށްޓަކައި ލިޔެފައިހުރި ފޮތްތައް މިހާރުވެސް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ