ހުކުރު އުފާ ފެސްޓިވަލްގެ ހަރަކާތްތައް އަލުން ފަށައިފި

އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރު ދުވަހު ބާއްވާ ހުކުރު އުފާ ފެސްޓިވަލްގެ ހަރަކާތްތައް އަނެއްކާވެސް ފަށައިފިއެވެ. ހުކުރު އުފާގެ ހަރަކާތްތައް އަލުން މިފެށީ ހަރަކާތްތައް ދުވަސް ކޮޅަކަށް މެނދުކެނޑުމަށްފަހުގައެވެ.
މިއަދު ކުރިއަށް ގެންދިޔައީ ހަވީރު 4 ން 6 ކަށް ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކެވެ. މިގޮތުން ތުއްތުކުދިންގެ ހުނަރު ދައްކާލުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. މިހަފްތާގެ ފެސްޓިވަލްގައިވެސް ދީނީ ފޮތްތާއި މުސްޙަފު ބަހާފަވެއެވެ. މީގެ އިތުރުން ތަފާތު ސްޓޯލްތަކުން ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތައް ވިއްކުމާއި ކުޑަކުދިންނަށާއި ބޮޑެތި މީހުނަށް ދީނީ މަޢުލޫމާތު ދިނުންވެސް ކުރިއަށް ގެންދިޔައެވެ.
ފެސްޓިވަލްގައި ހިމެނޭ ރޭގަނޑު ދަންފަޅީގައި ބާއްވާ ދަރުސް މިހާރުވަނީ މާދަމާރެއަށް ފަސްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުސް އޮންނާނީ މާދަމާރޭ އަށްގަޑި ތިރީހުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
"ކޮމަން މިސްކޮންސެޕްޝަންސް އަބައުޓް އިސްލާމް" ނުވަތަ އިސްލާމް ދިނާމެދު ދެކެވޭ ޞައްޙަ ނޫން ވާހަކަތަކުގެ މައްޗަށް ދެއްވާ މި ދަރުހަކީ އާންމުކޮށް ހުރިހާ އެންމެނަށް ހުޅުވާލައިގެން ބާއްވާ ދަރުހެކެވެ. މި ދަރުސް ދެއްވާނީ މަޝްހޫރު ދީނީ އިލްމުވެރިއާ ޔޫސުފް އެސްޓެސްއެވެ.
ޔޫސުފް އެސްޓެސް ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ ފަންސަވީސް ވަނަ ދުވަހުއެވެ. ޔޫސުފް އެސްޓެސް ރާއްޖެ ވަޑައިގެންފައިވަނީ ސަރުކާރުން ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އިސްލާމިކް މިނިސްޓްރީ އިން ދެއްވި ދަޢުވަތަކަށެވެ. އިސްލާމިކް ޕަރސަނަލިޓީ އޮފް ދި އިޔަރގެ އެވޯޑުވެސް ލިބިފައިވާ މަޝްހޫރު ދީނީ އިލްމުވެރިއާ ޔޫސުފް އެސްޓެސްއަކީ އެކި ޤައުމުތަކުގައި ކުރިއަށްގެންދާ ދީނީ ޙަރަކާތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ އެކި ހަރަކާތްތަކުގައި ދީނީ ދަރުސް ދެއްވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ