ތެލުގެ އަގާއިއެކު ކަރަންޓުގެ އަގު އިތުރަށް ދަށްކުރަނީ

ފެބްރުއަރީ އެކަކުން ފެށިގެން ކަރަންޓްގެ ޚިދުމަތުން ނަންގަވާ އަގުގެ ރޭޓް ދަށްކުރެއްވުމަށްފަހު އަނެއްކާވެސް ކަރަންޓްގެ ޚިދުމަތުގެ އަގު އިތުރަށް ދަށްކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވައިފިއެވެ.
ކަރަންޓްގެ ޚިދުމަތުގެ އަގުދަށްކުރެއްވުމުގައި އަސާސެއްކަމަށް ބައްލަވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލެވެ.
ކަރަންޓްގެ ޚިދުމަތަށް ނަންގަވާ އަގު ނުވަތަ ޓެރިފް ރޭޓް އަނެއްކާވެސް ދަށްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ސަރުކާރުން އިޢުލާންކުރެއްވީ މިއަދުއެވެ. ދަށްކުރެއްވި އަގުގެ ރޭޓްތައް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މިކަމާގުޅޭގޮތުން އެންވަޔަރމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، އަގަށް ގެންނެވި ބަދަލާ ގުޅޭގޮތުން ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއެކު މަޝްވަރާކުރައްވައި ފެށޭ ހަފްތާތެރޭގައި އެ އަގުތައް ހާމަކުރައްވާނެކަމަށެވެ.
ފެބުރުއަރީ އެކަކުން ފެށިގެން  ކަރަންޓްގެ ޚިދުމަތުން ނަންގަވާ އަގުގެ ރޭޓަށް ބަދަލު ގެންނެވިއިރު ވަނީ ސަރުކާރުން ކަރަންޓަށް ކުރައްވާ ހޭދަ ކުޑަކުރެއްވުމުގެ ގޮތުން ކަރަންޓް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ސްޓެލްކޯއަށް ދެއްވާ ފައިސާ ކަނޑުއްވާލައްވައި ފެނަކައާއި އެމްޑަބްލިޔޫއެސްސީއަށް ދެއްވާ ސަބްސިޑީގެ މިންވަރު ކުޑަކުރައްވާފައެވެ.
ފެބުރުއަރީ އެކަކުން ފެށިގެން ކަރަންޓް ރޭޓަށާއި، ސަބްސިޑީއަށް ގެންނެވި ބަދަލާއެކު، 400 ޔުނިޓަށްވުރެ ދަށުން ބޭނުންކުރާ ގޭބިސީތަކުގެ ބިލަށް 80 ރުފިޔާ އާއި، 135 ރުފިޔާގެ އިތުރުވުމެއް އަންނާނެއެވެ. އަދި 400 ޔުނިޓަށްވުރެ ގިނައިން ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރާ ނިސްބަތަކުން ބިލަށް އިތުރުވެގެންދާނެ އެހެންނަމަވެސް މިހާރު ގެންނަވާ ބަދަލުގެ ސަބަބުން މި އަދަދުވެސް ދަށްވެގެންދާނެކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. އެހެންނަމަވެސް އަގުގެ ތަފްޞީލެއް ނުދެއްވައެވެ.
މިބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ސަރުކާރުން ގެންނެވި ބަދަލެކެވެ. ކަރަންޓްގެ އަގަށް މިއަދު ގެނެންވި ބަދަލުގެ އަގުގެ ރޭޓުން ތައްޔާރުކުރެވޭ ކަރަންޓް ބިލް ލިބޭނި އަންނަ މާޗްމަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ