އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތް ނިމިއްޖެ

މައިލޯ ދެވަނަ އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް އަދި އަންހެން ބައިގެ ޗެމްޕިއަންކަން ކ.މާފުށި ސްކޫލް ހޯދައިފިއެވެ. 
މުބާރާތުގެ އެންމެ ފޯރިގަދަ އުމުރުފުރާކަމަށްވާ ސޯޅަ އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދީ ފައިނަލްގައި ރެހެންދި ސްކޫލްގެ މައްޗަށް ދިހަ ލަނޑު ދެ ލަނޑުން ކުރި ހޯދައިގެންނެވެ. ސޯޅަ އަހަރުންދަށުގެ އުމުރުފުރާގެ އަންހެން ފައިނަލްގައި ތާޖުއްދީން ސްކޫލާއި ވާދަކޮށް މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައިނުވާ ކ.މާފުށި ސްކޫލް މެޗް ކާމިޔާބުކުރީ އެގާރަ ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުންނެވެ. 
މި މުބާރާތުގެ ބާރަ އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސްކޫލެވެ. އެއީ ފައިނަލްގައި މަޖީދިއްޔާ ސްކޫލާއި ވާދަކޮށް ހަ ލަނޑު ތިން ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. މަޖީދިއްޔާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަރަބިއްޔާ ސްކޫލާއި ވާދަކޮށެވެ. 
މުބާރާތުގެ ސާދަ އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސްކޫލެވެ. އެއީ ފައިނަލްގައި މަޖީދިއްޔާ ސްކޫލް އަށް ލަނޑު ދެ ލަނޑުން ބަލިކޮށްގެންނެވެ. މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ. ކަލާފާނު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ރެހެންދި ސްކޫލް ތިނެއް ދޭއްގެ ހަނި ތަފާތަކުން ބަލިކޮށްގެންނެވެ. 
މިއަދު ކުރިއަށްދިޔަ ފައިނަލް މެޗުތަކަށްފަހު އޮތް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވަނަ ވަނައަށް އައި ޓީމްތަކުގެ އިތުރަށް މުބާރާތުގެ އެކި އެކި ވަނަ ވަނައަށް ހޮވުނު ކުޅުންތެރިންނަށްވެސްވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައެވެ.
މި މަހުގެ ބާރަވަނަ ދުވަހު ފެށި މި މުބާރާތުގައި ދިހަ ސްކޫލަކުން ޖުމްލަ ތިރީސް ނުވަ ޓީމްވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ