ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން އެއްކުރި ފަންޑުގެ ފައިސާ އެއްކޮށް ހަވާލުކޮށް ނުނިމޭ ކަމަށާއި ނަމަވެސް މި މަހުގެ ކުރީ ކޮޅު ހުރިހާ ފައިސާއެއް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިހެން ބުނީ ރޮހިންޔާ މުސްލިމުންނަށް އެހީވާން ބެހެއްޓި ފަންޑު ފޮށިތަކަށް 18.1 މިލިއަން ރުފިޔާ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް އެއްކޮށް ޖަމާކޮށްފައިވާ ކަމަށް މިދިޔަ މަހު ތެރޭގައި ބުނެފައި ވަނިކޮށެވެ. އެ ފައިސާ ޖަމާ ކުރި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ބަންގްލަދޭޝްގެ އެމްބަސީ އިން ކުރި ޓްވީޓަކާ ގުޅިގެން އެ ފައިސާ އެއްކޮށް ހަވާލު ނުކުރާކަން ވަނީ އެނގިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "އަވަސް"އިން ސުވާލު ކުރުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފައިސާތައް ފޮނުވަނީ ތިން ޓީޓީއަކަށް ބަހާލައިގެން ކަމަށާއި ބަންގްލަދޭޝްގެ އެމްބަސީ އިން ޓްވީޓުކޮށްފައި ވަނީ ފުރަތަމަ ދެ ޓީޓީގެ ފައިސާ ކަމަށެވެ. އެގޮތުން ފުރަތަމަ ޓީޓީގެ 200،000 ޑޮލަރާއިދެވަނަ ޓީޓީގައި 950،000 ޑޮލަރު އަދި ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިން ވަނަ ޓީޓީގެ ސީދާ އަދަދެއް ނޭނގޭ ކަމަށާއި އޭގެ ކޮޕީއެއް ލިބުނުހާ އަވަހަށް ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި މަހުގެ ކުރީ ކޮޅު ހުރިހާ ފައިސާއެއް ފޮނުވާ ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑު އަދަދެއް ލިބިފައި އޮތީމަ ބަންގްލަދޭޝްގެ ރެޑް ކްރެސެންޓުގެ ފަރާތުން އެކަން ފާހަގަ ކުރައްވާ އެޕްރިޝިއޭޓް ކުރެއްވުމުގެ ގޮތުން އެމްބަސަޑާއާ ބައްދަލު ކުރެއްވި ކުރެއްވުމެއް އެއީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ރޮހިންޔާ މީހުންނަށް އެހީވާން އެއްކުރި ހުރިހާ ފައިސާއެއް އެއްފަހަރާ ފޮނުވުމުގެ ބަދަލުގައި ޓީޓީތަކަކަށް ބަހާލަން ޖެހުނީ ބޭންކް ޗާޖާސްތަކެއް އިތުރުވެ ޕްރޮސެސް އިތުރަށް ލަސްވެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.
ރޮހިންޔާ ފަންޑުގެ ފައިސާ އެއްކޮށް ފޮނުވޭނީ މި މަހު: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ