ޕީޕީއެމްގައި އޮތީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފިކުރު ކަމަށާއި އަދި އެ ޕާޓީ ހިނގަނީ އެ މަނިކުފާނު ގަބޫލުކުރައްވާ އުސޫލުތަކާ އެއްގޮތަށް ވަރަށް ޑިމޮކްރެޓިކްކޮށް ކަމަށް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ކެމްޕޭން ޖަލްސާގައި މިރޭ ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް ހިނގަމުން އަންނަނީ އެ މަނިކުފާނު ބޭނުންވާ ގޮތަށް ނޫން ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އެ މަނިކުފާނަށް ތާއީދުކުރަންޏާ ތިބެން ޖެހޭނީ އެ ޕާޓީގައި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ޕީޕީއެމްގައި މިއޮތީ އަޅުގަނޑުގެ ފިކުރު. ޕީޕީއެމް ހިނގަމުން އަންނަނީ އަޅުގަނޑު ވެސް ގަބޫލުކުރާ އުސޫލެއްގެ މަތިން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއަކަށް ވާތީ އަޅުގަނޑު ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވާކަށް ނުޖެހޭ. އެއީއެއް ނޫން ގޮތަކީ. އަޅުގަނޑުމެން މަޝްވަރާގެ މަތިވެރި އުސޫލް އެބަ ބޭނުންކުރަން. ކައުންސިލްގެ ބައްދަލުވުން ބާއްވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކައުންސިލުން ހުރިހާ ކަމެއް ނިންމަނީ ވަރަށް ރަނގަޅަށް ބަހުސް ކުރުމަށް ފަހު ވޯޓުން ކަމަށެވެ.
"އެހެންވީމަ އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާތީ. ޕީޕީއެމް ހިނގަނީ އަޅުގަނޑު ބޭނުންވާ ގޮތަށް ނޫނޭ ބުނާ ވާހަކަ. ދެން ޕީޕީއެމްގައި އޮތީ އަޅުގަނޑުގެ ފިކުރެއްނޫނޭ. އެއީ ކަނޑައެޅިގެން އޮޅުވާލަން ދައްކާ ވާހަކަތަކެއް،" ކުރީގެ ރައީސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ކުޅުދުއްފުށީގެ ވަރަށް ގިނަ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނަށް ތާއީދުކުރާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މަނިކުފާނަށް ތާއީދުކުރައްވާ ކަމަށްވާ ނަމަ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑަށް ތާއީދުކުރައްވާ ކޮންމެ ރައްޔިތަކު ވެސް އަޅުގަނޑު އެދެނީ ސެޕްޓެމްބަރު ހަތެއްގައި އޮންނަ އިންތިހާބުގައި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ވޯޓު ދެއްވުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ތައްޔާރުކޮށްފައިވާ މެނިފެސްޓޯއަކީ ވަރަށް ގިނަ އިލްމީ ތަޖުރިބާކާރުންތަކެއް އެތައް ދިރާސާތަކެއް ކޮށްގެން އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށެވެ. އަދި އެ މެނިފެސްޓޯއަކީ ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ މެނިފެސްޓޯއެއް ކަމަށެވެ.
"އެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ވަރަށް ގިނަ ދިރާސާތަކެއްކޮށްގެން ވަރަށް ތަޖުރިބާކާރު ބޭފުޅުންތަކެއް. އެއީ މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދޭނެ މެނިފެސްޓޯއެއް. އެކަން އަޅުގަނޑު ކަށަވަރުކޮށްދެން،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެ މިހާރު ސަލާމަތްކުރަން ނުޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި އެކަންތައް ކުރެވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
"ރާއްޖޭގެ އިސްލާމީ އަގީދާއަށް ބެލި ނަމަވެސް އިގްތިސޯދަށާއި އިޖުތިމާއީ ތަރައްގީއަށް ބެލި ނަމަވެސް ސަލާމަތާއި ރައްކާތެރިކަން ހޯދަން އެބަ ޖެހޭ. އެކަންތައްތައް އިސްލާހުކުރުމަށް ތިޔަ ހުރިހާ ބޭފުޅުން ވެސް ޕީޕީއެމްއަށް ވޯޓު ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް ހިނގަނީ އަޅުގަނޑު ގަބޫލުކުރާ އުސޫލްތަކާ އެއްގޮތަށް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ