ކެނޑިޑޭޓަކަށް އިބޫ ނެރުމަށް ތާއީދު: މެމްބަރު މަހްލޫފު

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ބަލި ކުރުމަށް، އިދިކޮޅު ފަރާތްތަކުން ކޯލިޝަން ކެނޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް ނެރެން ތާއީދު ކުރައްވާ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މަހްލޫފުގެ ފަރާތުން މިއަދު އާންމު ކުރެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ، ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރައްވައި، ދެވަނަ ބުރުގައި ކޯލިޝަން ހެއްދެވުމަކީ މައްސަލައެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަކިވަކިން ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ގުޅިފައިވާ ކެންޑިޑޭޓެއް ނެރޭ އިރު، ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ބޭފުޅަކު އަދި ނާއިބު ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ގެނައުމަށް ތާއީދު ކުރައްވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް އެއްވެސް ހާލަތެއް މެދުވެރިވެ، އިންތިހާބުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިވަޑައި ނުގެންފި ނަމަ، ރައީސްކަމުގެ މަގާމަށް ގުޅިފައިވާ ޕާޓީތަކުން ނެރެން އެންމެ ރަނގަޅުކަމަށް މަހުލޫފަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހެވެ. ސަބަބެއް ކަމަށް މަހުލޫފު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެކި ފިކުރުތަކުގެ ސިޔާސީ ބޭފުޅުން ގޮވައިގެން، އިބޫ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާތީ އެވެ.
މަހުލޫފުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އެތައް ބަޔަކު ޖަލަށް ލައިގެން އާއިލާތަކަށް ދެމުންގެންދާ އަނިޔާއާއި، ދައުލަތުގެ މާލިއްޔަތު ވަގަށް ނަގާ ހުސްކުރުމާ އަދި ޤާނޫނު އަސާސީއާ ގާނޫނުތައް ފުނޑުފުނޑުކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
މަހުލޫފު ވިދާޅުވީ ޕީޕީއެމްއިން އޭނާ ވަކިކުރި ހިސާބުން ފެށިގެން އެންމެ ގާތުން މަސައްކަތް ކުރެވުނީ އެމްޑީޕީ އާއެކު ކަމަށާއި، އެމްޑީޕީގެ ވިސްނުމާއި ފިކުރަކީ އޭނާއަށް ގަބޫލުކުރެވޭ ވިސްނުމާއި ފިކުރެއް ކަމަށެވެ. އަދި އެމްޑީޕީ އާ، ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިވަޑައިގެންނެވި ކަމަށް ފާހަގަ ކުރައްވައި މަހްލޫފު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ވާދަ ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ އޭނާ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތެއްގައި ގުޅިފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް ނެރެން މަހުލޫފު ތާއީދުކުރެއްވިއިރު، ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސަރުކާރުން ދަނީ ބުނަމުން ނެވެ. އަދި ސަރުކާރާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ، އެއް ޕާޓީ އިން އަނެއް ޕާޓީގެ ސިޔާސަތު ތަކަށް ފާޑު ކިޔައި، އެ ކޯލިޝަންގެ ގުޅުމަށް ވަނީ ލޮޅުންތަކެއް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ