ވަޒީފާގައި ތިބެން އަޅުގަނޑަށް ފާޑުކިޔަންޖެހޭނަމަ އެކަންކުރޭ: މައުމޫން

ސަރުކާރުގެ ވަޒީފާތަކުގަ އާއި އިސް މަގާމުގައި ތިއްބެވީ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފާޑުކިޔައި އެއްޗެހި ގޮވައިގެން ކަމަށްވާނަމަ އެކަން ކުރެއްވުމުގައި މައްސަލައެއް ނެތް ކަމަށާއި އެބަޔަކު ގޮވައިގެން ޝަރީއަތަށް ވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވަރަށް ސަމާސަކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު ވެސް އެދިވަޑައިގަންނަވަނީ އެންމެ ބޭފުޅުންނަށް ވެސް ރަނގަޅު ގޮތްވުން ކަމަށާއި އެހެންކަމުން އެމަނިކުފާނާ ގުޅޭ ގޮތުން މީޑިއާގައި ގޯސް ވާހަކަތައް ދައްކައިގެން ވާޒީފާ ނުވަތަ މަގާމު ކަށަވަރުވާނަމަ އެކަން ކުރެއްވިޔަސް އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ތިޔަބޭފުޅުން ގަބޫލުފުޅު ކުރައްވާ ގޮތުގައި ތިޔަ ބޭފުޅުންގެ ވަޒީފާގައި އިތުރަށް ދެމި ތިއްބެވޭނީ ނުވަތަ ވަޒީފާގެ ކުރިއެރުން ލިބޭނީ މައުމޫނާ ބެހޭ ގޮތުން ގޯސް ވާހަކަ މީޑިއާގައި ދެއްކުމުން ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވާނަމަ އެކަން ކުރައްވާށޭ، ރެއާއި ދުވާލު އެކަން ކުރައްވާށޭ، އަޅުގަނޑުގެ މައްސަލައެއް ނެތް، އަޅުގަނޑު ވެސް އެދެނީ ތިޔަ ބޭފުޅުންނަށް އިތުރު ތަރައްގީ އާއި ކާމިޔާބީ، އެހެންވީމަ އެ މަގުސަދުގައި ކުރާ ކަމެއްނަމަ އަޅުގަނޑުގެ މައްސަލައެއް ނެތް، އެ ބޭފުޅުން ގޮވައިގެން އަޅުގަނޑު ޝަރީއަތަކަށް ނުދާނަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްގެ ހެދުން ލައްވައިގެން ސަހުޝު އޮޅުވާލަން މަސައްކަތް ކުރައްވާ ބޭފުޅަކު ދިގު 30 އަހަރުގެ ވެރިކަމުގައި ޗައިނާ މާކެޓް އޮތްކަން އެނގިވަޑައިނުގަންނަވާ ވެރިޔަކު ވެރިކަން ކުރެއްވި ކަމަށް ވިދާޅުވި ކަމަށެވެ. ރައީސް މައުމޫން އިޝާރަތްކުރެއްވީ، ރޭ ޕީޕީއެމްގެ "ރާސްޓަސް" ޖަގަހައިގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްކެވި ވާހަކައަށެވެ.
ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނަށް ޗައިނާގެ މާކެޓް އޮތްކަން ނޭނގޭ ކަމަށް އެބޭފުޅާ ވިދާޅުވި ނަމަވެސް އެ ބޭފުޅާއަށް ނޭނގޭ ގިނަ ކްނތައްތަކެއް އެބަހުރި ކަމަށެވެ. ޗައިނާއަކީ އެމަނިކުފާނު ވެރިކަމުގައި ވަރަށް ގާތް ގުޅުމެއް އޮތް ގައުމެއް ކަމަށާއި އެ ގައުމަށް ރަސްމީ ދަތުރުފުޅުތައް ވެސް ކުރެއްވި ކަމަށެވެ. އަދި އެ ގައުމުގެ ބޮޑު ވަޒީރު ވެސް ރާއްޖެ ވަޑައިގަތް ކަމަށެވެ. ޗައިނާގެ މާކެޓް ރާއްޖެއަށް ހުޅުވިގެން ދިޔައީ އޭގެ ފަހުން ކަމަށެވެ. އޭގެ ފަހުން ރާއްޖެއަށް ޗައިނާގެ ޓޫރިސްޓުން ވަރަށް ގިނައިން އަންނަމުންދާ ކަމަށެވެ.
"މުޅިން ނޭނގިއެއް ނޫން ކަންނޭނގެ ދެއްތޯ މި އޮތީ އަޅުގަނޑަށް ޗައިނާގެ މާކެޓް ބޮޑުކަން، އެ ވާހަކަ ދެއްކެވި ބޭފުޅާ ހަނދާން ކޮށްލައްވަން އެންމެ ރަނގަޅު ކަންނޭނގެ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރެއްވި، ވާދަކުރެއްވީމަ ކާކުތޯ އޭނާގެ ކެމްޕެއިން ކޮށްދޭން އެތަނަށް ދިޔައީ، ކާކުތޯ އޭނާގެ ކެމްޕެއިނަށް ހުރަސް އެޅީ، ހަނދުމަފުޅެއް ނެތް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، މަޖިލީހުގެ އިންތިހާބުން ނާކާމިޔާބުވުމުން އެ ބޭފުޅާ ހުންނެވީ ވަރަށް މާޔޫސްވެފައި ކަމަށާއި އެބޭފުޅާއާ ގާތް ގުޅުމެއް އޮންނާތީ އެ ބޭފުޅާއަށް ސަރުކާރުން އިސް މަގާމެއް ހޯއްދެއްވުމަށް އަމިއްލަފުޅަށް މަސައްކަތް ކޮށްދެއްވި ކަމަށެވެ.
"ސަރުކާރުގެ ވަރަށް އިސް ބޭފުޅެއްގެ އަރިހުގައި އަޅުގަނޑު ދެންނެވިން އެ ހުންނެވީ ވަރަށް ގާބިލު ބޭފުޅެއް އިންތިހާބުން ނާކާމިޔާބުވީމަ ވަޒީފާއެއް ވެސް ނެތި، ވަޒީފާއެއް ދެއްވަންވީނޫންތޯ އަޅުގަނޑު ދެންނެވިން، ދެންނެވީމަ ވިދާޅުވި ކުންފުންޏެއްގެ ސީއީއޯގެ މަގާމު ދިނުމަށް އެބަ ވިސްނަމޭ، އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ފެންނަ ގޮތުން ތި އަދި ރަނގަޅު ގޮތެއް ނޫނޭ، އޭނާ ގާބިލުކަމާއި ތައުލީމާ ބަލާއިރު އެކަށީގެން ވަނީ މިނިސްޓަރު ކަމޭ އަޅުގަނޑު ދެންނެވިން، އެކަމޭ އަޅުގަނޑު އެދެނީ، ދުވަސް ކޮޅެއްވެފަ މިނިސްޓަރަކަށް ވެއްޖެ، އެކަމަކު ހަނދުމަފުޅެއް ނެތޭ ކާކުތޯ އެ މަސައްކަތް ކޮށްދެއްވީ، މިއަދު މި ވިދާޅުވަނީ ޗައިނާގެ މާކެޓް އޮތް ވަރެއް އަޅުގަނޑަކަށް ނޭނގޭ، އަޅުގަނޑު މާ ކަންބޮޑުވޭ އޭނާއަށް ކެމްޕެއިން ކޮށްދިން މީހާގެ މަތިން އޭނާ ހަނދާން ނެތުނީމަ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ